logologologologo
STO
ޚަބަރު

ބީއެމްއެލްއިން ބުލެކްމާކެޓުން ބޭރު ފައިސާ ގަންނަ ކަމަށް ބުނި ވާހަކަ ދޮގުކޮށްފި

ބީއެމްއެލްއިން ބުލެކްމާކެޓުން ބޭރު ފައިސާ ގަންނަ ކަމަށް ބުނި ވާހަކަ ދޮގުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 20

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުލެކްމާކެޓުން ބޭރު ފައިސާ ގަންނަ ކަމަށް ބުނި ވާހަކަ އެ ބޭންކުން ދޮގުކޮށްފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ޤަވާޢިދާ ޚިލާފު، ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ ގޮތުގައި ބްލެކް މާކެޓްގައި އެކްސްޗޭންޖްކުރާ ފަރާތްތަކުން ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރުދަނާކޮށް ރެގިއުލޭޓް ކުރެވޭ މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކުން އަމަލުކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށެވެ.

"މިއަދު ޝާއިއުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިއަން ޔޫ.އެސް ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި، ޒަރޫރީ މުދަލާއި، އަދި ވިޔަފާރީގެ ބޭނުންތަކަށް އިމްޕޯޓް ކުރުމަށް ހާއްސަކޮށް ދޫކުރި 106.2 މިލިއަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު %142ގެ އިތުރުވުމެކެވެ. އަދި އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި މިންވަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ." ބޭންކުގެ ތަރުޖަމާނު ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ޤައުމުގެ އިޤްތިޞާދަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މިފަދަ ބޮޑު އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދާފައިވުމަކީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްމަންޓްގެ ހަރުދަނާކަމާއި، ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންގެ ބޭނުންތައް ފުއްދައިދިނުމަށް ބޭންކުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެއް ކަމަށާއި އަދި މިއީ ބޭންކުގެ ޑޮލަރުގެ ރިޒާވް ހުސްވެފައިވާ ކަމަށް ބުނާ ވާހަކަތަކާ ދެކޮޅު ހެކިތަކެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ބީއެމްއެލް އަކީ ރާއްޖޭގެ އިޤްތިޞާދާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި ރާއްޖެއާއި ބޭރު ޤައުމުތަކާ ގުޅުވައިދޭ ޕޭމަންޓް ސިސްޓަމްގެ މައިބަދަ ކަމަށާއި އަދި އެ ބޭންކަކީ ރާއްޖޭގައި ބޭރުގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބެންކު ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އާންމުކުރި ނަތީޖާތަކުން ފެންނަ ފަދައިން، ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހުރީ ވަރަށް ހަރުދަނާކޮށެވެ. އަޅުގަނޑުމެން ދެމިތިބޭނީ ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގައެވެ." ސަޢީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން މިއަދު އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ލިބުނު 497 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 26.9 އިންސައްތަ އިތުރު އަދަދެކެވެ.

MALDIVE GASAllied Insurance
އިތުރަށް