logo
logo
ރައީސްގެ ޖުޑީޝަލް ރިފޯމް ވިސްނުމަށް ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒް ތާއީދުކުރައްވައިފި

ރައީސްގެ ޖުޑީޝަލް ރިފޯމް ވިސްނުމަށް ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒް ތާއީދުކުރައްވައިފި

2026 އޭޕްރީލު 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަނބުރާ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ކުރީގެ އުއްތަމަފަނޑިޔާރު، އަޙުމަދު ފާއިޒް ޙުސައިން މިއަދު ތާއީދުކުރައްވައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އަލުން އަނބުރާ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ފާއިޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑީޖޭއޭ ޝަރުއީ ދާއިރާގެ ދަށަށް ގެނެވިއްޖެނަމަ، ޝަރުޢީދާއިރާގެ އިދާރީ މިނިވަންކަން އިޢާދަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖުޑިޝަރީ ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންޓްރޯލް ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮންނަ އޮތުމަށް އިޞްލާޙް ގެންނެވުމަށް ނިންމަވާފައިވާކަން އިއްޔެ އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓްކުރެވޭނެ ގޮތަކަށް ޤާނޫނުތަކަށް އިސްލާޙު ގެނައުމާއި އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާތަނަކަށް ޑީޖޭއޭ ބަދަލުވުމާއި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލް އަދި ސުޕްރީމް ކޯޓުގެ އެންމެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރަށް ކަމަށް ވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅުބަދަލެއް ކަމަށް ދެކެވަޑައިގަންނަވާކަމުގައެވެ.

މީގެ ކުރިން، ޤާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުން، ދަށުކޯޓުތަކުގެ އިސްފަނޑިޔާރަށްވުރެ އެޑްމިނިސްޓްރޭޓަރ ގެ ބާރު ގަދަކަމަށާއި، މިފަދަ ކަންކަމަކީ ޖުޑީޝަރީގެ ހިންގުމަށް އަސަރުކުރާކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާހީ ބަދަލުތަކެއް ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަށް އަންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށެވެ.

މިދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން ބައްޓަން ކުރެއްވުމަށް ގިނަ އިސްލާޙީ ފިޔަވަޅުތަކެއް އަޅުއްވަމުންކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް