މަގު ކޮންނައިރު ބިމު އަޑީގައި ހުންނަ ކޭބަލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މަގު ކޮންނައިރު ބިމު އަޑީގައި ހުންނަ ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
އެ ކުންފުނިން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެންނެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން އާދީއްތަ ދުވަހު ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
އެ ކުންފުނިން ބުނީ މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ، މިފަދަ ހާދިސާތަކުގެ ސަބަބުން ކުންފުންޏަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.
"އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ފުރިހަމައަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން." އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އާދީއްތަ ދުވަހުގެ މެންދުރުފަހު ކަރަންޓް ކެނޑުނު ގޮތަށް، އެ މައްސަލަ ހައްލުކޮށް އެ ސަރަހައްދަށް އަލުން ކަރަންޓް ދީފައި ވަނީ އެރޭގެ 11 ވެސް ޖެހި ފަހުންކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
