ކަރަންޓް ކެނޑުނު ޓަވަރުތަކަށް ކަރަންޓް ދީފި، ބީޗު ސަރަހައްދަށް ވަގުތީ ކޭބަލެއް އަޅަނީ

ހުޅުމާލެ 2 ން ކަރަންޓް ކެނޑުނު ޓަވަރުތަކަށް އަލުން ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ދެންމެ ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވެއްސަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް މިހާރު ވަނީ ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދީފައި ކަމަށެވެ.
އެ ކުންފުނިން ބުނީ ދެވަނަ ފިޔަވަހީގައި ކަރަންޓު ނުދެވި ވަނީ ބީޗް ސަރަހައްދުގެ ބައެއް ކަސްޓަމަރުންނަށް އެކަނި ކަމަށާއި އެ ކަސްޓަމަރުންނަށް އަލުން ޚިދުމަތް ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދަތިތަށް ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދި، އަދި ދިމާވި އެ ދަތި ދަނޑިވަޅުގައި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް ހިތްވަރުދީ، ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ހުޅުމާލެ ފޭސް2 ގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުނީ މައި ކޭބަލްއަކަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފިއެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
ސްޓެލްކޯއިން ބުނީ، ބެލެވޭ ގޮތުގައި އެ ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށެވެ.
އެ ކުންފުނިން ކުރިން ބުނީ މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
"މި މައްސަލަ ޙައްލުކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން." އެކްސްގައި ސްޓެލްކޯއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
