ލޯފަންމީހުންނަށް މަލާމާތް ރައްދުވާ ގޮތަށް ޝާހިދު ދެއްކި ވާހަކަތައް އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއިން ކުށްވެރިކޮށްފި

ލޯފަންމީހުންނަށް މަލާމާތް ރައްދުވާ ގޮތަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ،އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަތައް ޢާއިލީ އަދި އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއިން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން މާރިޗް 28 ވަނަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށެވެ.
މިކަމާއި ގުޅިގެން އެ ވުޒާރާގައި އޮންނަ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް" އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް އަދި އެފަދަ ބޭފުޅުންނަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ވާހަކަ ދައްކާފައިވާތީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މި ބަޔާނާއި ގުޅިގެން ޝާހިދު ވަނީ ލޯފަން މީހުން ނުވަތަ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާގެ ކިބައިން މާފަށްއެދެފިއެވެ.
"ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކު މިފަދަ މޭރުމަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް މި ކައުންސިލުން ކުރާ ބުރަ މަސައްކަތަށް އެޅުނު ހުރަހެއް ކަމުގައި ފާހަގަކުރަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ވުޒާރާއިން ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގައި ކުރާ މަސައްކަތްތަކުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢާއިލާތަކަށް އަރުވައިފައެވެ.

.gif.gif&w=828&q=100)



