އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދު ވެސް ވާދަކުރައްވަނީ!

2028 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން އެ ޕާޓީގެ ރައީސް އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.
ބައެއް މީޑިއާތަކާ އެ ވާހަކަ ހިއްސާކުރި ޝާހިދުގެ އަރިސް ބޭފުޅަކު ވިދާޅުވީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ފަރާތުން ބާއްވާ ޕްރައިމަރީގައި ޝާހިދު ވާދަކުރައްވަން ނިންމެވި ކަން އޭނާގެ ގާތް ބޭފުޅުންގެ ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް ޝާހިދުގެ ފަރާތުން މިކަން އަދި ރަސްމީކޮށް އިޢުލާންކޮށްފައެއް ނުވެއެވެ.
ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދުމުގެ ގޮތުން އެމްޑީޕީގެ މެމްބަރުންގެ ތާއީދު ހޯދުމަށް ޝާހިދު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޝާހިދު މިގޮތަށް ނިންމެވިއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން ހާމަކުރައްވައިފައެވެ. ރައީސް ޞާލިޙް އެކަން ހާމަކުރެއްވީ، އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށް ޚާއްސަކޮށް ރޭ ބޭއްވި ކެއުމެއްގެ ތެރެއިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މީގެއިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް މިރޭ ސަލްޓަން ޕާކުގައި އެމްޑީޕީން ބާއްވާ ޚާއްސަ ޖަލްސާގައި އެމަނިކުފާނުވެސް އެމްޑީޕީގެ ރިޔާސީ ޕްތައިމަރީގައި ވާދަކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާނެ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.
މީގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވައިފައެވެ.
މި ބޭފުޅުންގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލޭގެ މޭޔަރު އާދަމް އާޒިމާއި މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަޙުމަދު ޝަމްހީދު ވެސް ޓިކެޓަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމުގެ އަޑު ފެތުރިފައިވެއެވެ.

.gif.gif&w=828&q=100)

