logo
logo
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

2026 މާރިޗު 29
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އައު ޤަވާޢިދު އާއްމުކޮށްފިއެވެ.

މިއަހަރު ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލަށް އެކުލަވާލެވުނު ޤަވާއިދަށެވެ.

އެގޮތުން މުބާރާތަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ޤައުމީ މުބާރާތް މީގެ ކުރިން ބާއްވަމުން އައިސްފައިވާ ގޮތާއި ތަފާތުކޮށް، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖުމްލަ 03 ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަން ބުރަކާއި، ސެމީ ފައިނަލް ބުރެއްގެ އިތުރުން ފައިނަލް ބުރެކެވެ.

މުބާރާތް ރޭވިފައިވާ ގޮތުން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާނެއެވެ. މި އޮޑިޝަން ބުރު ކުރިއަށް ދާނީ އަތޮޅު ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. މިގޮތުން ފޯމު ހުށަހަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.

އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 (އަށްޑިހަ އިންސައްތަ) އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 (ފަސްސަތޭކަ) ބައިވެރިންނެވެ. އަދި މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85 (އަށްޑިހަ ފަހެއް އިންސައްތަ) އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 (ސަތޭކަ ފަންސާސް) ބައިވެރިންނެވެ.

ޤަވާޢިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ފެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެއެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ ބައިވެރިޔާއަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތް ބާއްވާ ތާރީޚު ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އިޢުލާންކުރުމަށް ހަމަޖެހިފައިވާއިރު، މީލާދީގޮތުން ޢުމުރުން 26 އަހަރު ނުފުރޭ (މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް ހަމަވާ) ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު އޮންނާނެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީގޮތުންނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މުބާރާތުގެ ޤަވާޢިދަށް މި ބަދަލުތައް ގެނެވިފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިކަން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްސަދުގައި ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް