logo
logo
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

2026 މާރިޗު 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 28ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ ބާސެލޯ ނަސަންދުރާގެ ބޯލްރޫމުގައެވެ. ހޮނިހިރު ދުވަހުގެ ރޭ 9:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޟިރުވެގެންނާއި، އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިންގ މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށްވެސް ރަޖިސްޓަރީ ކުރެވޭނެއެވެ. ބީއެމްއެލުން ވިދާޅުވީ 14 މާރިޗުގައި ހުޅުވާފައިވާ ޕްރީ ރަޖިސްޓްރީވުމުގެ ފަހު ތާރީޚަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެރޭ 9:00ކަމަށެވެ.

ބީއެމްއެލް އިން ވަނީ 2025 ވަނަ އަހަރު، ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފައެވެ. ވޭތުވެދިޔަ އަހަރު ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެކެވެ.

ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބެންކަށް ލިބިފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8% ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 އިތުރުވެފައިވެއެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެކެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް