logo
logo
ޖޭޕީ، އެމްޑީއޭގެ އިތުރުން ޢަދާލަތުން ވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާޢީދުކޮށްފި

ޖޭޕީ، އެމްޑީއޭގެ އިތުރުން ޢަދާލަތުން ވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާޢީދުކޮށްފި

2026 މާރިޗު 18
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޖުމްހޫރީ ޕާޓީ، އެމްޑީއޭގެ އިތުރުން ޢަދާލަތު ޕާޓީން ވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާޢީދުކޮށްފިއެވެ.

2 އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ކަމަށް ވޯޓު ދިނުމަށް ފާސްކުރީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ.

މިކަމަށް ތާޢީދުކުރާކަން ހާމަކުރަމުން ޢަދާލަތު ޕާޓީން ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނު އަސާސީއަށް 8 ވަނަ އިޞްލާޙް ގެނައުމުގެ ބިލު" ތަސްދީޤު ކުރެއްވުމާމެދު 4 އޭޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޔާޢަތްކޮށް، ފެންނަ ކަމަށް ވޯޓު ދިނުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައި ކަމަށެވެ.

ޤާސިމް އިބުރާހީމްގެ ޖުމްހޫރީ ޕާޓީން ވެސް ވަނީ 2 އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދުކޮށްފައެވެ. އެ ޕާޓީގެ ޅީޑަރު އަދި މާމިނގިލި ދާއިރާގެ މެމްބަރު ޤާސިމް އިބުރާހީމް ވިދާޅުވީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެ ހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

މީގެއިތުރުން މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް ނުވަތް އެމްޑީއޭއިން ވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދުކޮށްފައެވެ. އެމްޑީއޭއަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް އިސްވެ ހުންނަވާ ޕާޓީއެވެ.

ރާއްޖޭގައި ކޮންމެ 5 އަހަރަކުން ބާއްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، އަންނަ އޭޕްރީލް 4 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއިއެކުގައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް