ދައުލަތުގެ މީޑިއާ ޕީއެސްއެމް ހިންގުމަށް ހުރަސް ނޭޅުމަށް އެ ކުންފުނިން އެމްޑީޕީއަށް އިލްތިމާސްކޮށްފި

ދައުލަތުގެ މީޑިއާ ޕީއެސްއެމް ހިންގުމަށް ހުރަސް ނޭޅުމަށް އެ ކުންފުނިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް އިލްތިމާސްކޮށްފިއެވެ.
ޕީއެސްއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މޯލަޑިވިއަން ޑިމޮކްރެޓިކް ޕާޓީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރުމަށް މިއަދު 13:00 ގައި އެ ޕާޓީގެ ބޭފުޅުން ވަޑައިގަންނަވާނޭ ކަމަށް ރޭގެ ވަގުތެއްގައި ސިޓީއަކުން އެންގިކަމަށެވެ.
ޕީއެސްއެމްއިން ބުނީ އެ ކުންފުނީގެ އެމްޑީ އަޙުމަދު ޝަކީބު މިވަގުތު ޢުމްރާ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާގައި ހުންނެވުމުން ރަށުގައި ނޫޅުއްވާ ކަމަށް އެ ޕާޓީއަށް އެންގި ކަމަށެވެ.
އަދި އެ ޕާޓީން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ މައްސަލާގައި ކަން އޮތް ގޮތް ސާފުކޮށްދީ ސިޓީއަކުން ޖަވާބު ދީފައިވާ ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.
"މިނިވަން ދައުލަތުގެ މީޑިއާގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ދައުލަތުގެ މިނިވަން މީޑިއާ ހިންގުމަށް ހުރަސްއަޅައި ކުރިއަށް ގެންދަމުން ދާ ކަންކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީއަށް އިލްތިމާސްކުރަމެވެ." އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބަޔަކު، ޕީއެސްއެމްގެ އެމްޑީއާ ބައްދަލުކުރުމަށް ކަމަށް ބުނެ، ޕީއެސްއެމް ހިންގަމުން އަންނަ އިމާރާތުގެ ރިސެޕްޝަން އޭރިއާއަށް، މިއަދު މެންދުރުފަހުން ފެށިގެން ވަދެ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)