
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން- ހުސްނުއްސުޢޫދަށް ދިޔާނާ ރައްދުދެއްވައިފި
ޒައުޖަތު އަޙުމަދުދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާޢިމެދު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ރައްދުދެއްވައިފިއެވެ.
ސުޢޫދު ވިދާޅުވީ ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން އެކަނި އަވަސްކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށް ބުނެދޭން ޖެހޭ ކަމަށެވެ. ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ވުރެ ޤާނޫނު އަސާސީއަށް މި ވަގުތު ގެންނަން ޖެހޭ މުހިއްމު އެހެން ބަދަލުތައް އެބަ ހުރި ކަމަށާއި އޭގެ ތެރޭގައި ދައުރަކަށް ފަހު ދައުރެއް މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަވެގެން ދިއުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަން ކޮމިޝަން (އީސީ) ފަދަ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން، ޖޭއެސްސީގައި ސިޔާސީ މީހުން ތިބުން އަދި ސިޔާސީ މަގާމުތަކަށް ކޮންމެ ރައީސަކު ވެސް ހައްދެއް ނެތް މިންވަރަށް މީހުން އައްޔަން ކުރަމުން ދިއުން ހިމެނެއެވެ.
ފަނޑިޔާރު ސުޢޫދުގެ މި ވާހަކަތަކަށް ރައްދުދެއްވާ ދިޔާނާ ވިދާޅުވީ އަލްއުސްތާޛު ސުޢޫދު ދައްކަވާ ޙުއްޖަތް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި ދިޔާނާ ފާހަގަ ކުރެއްވީ ސަރުކާރު ޖަވާބުދާރީ ކުރެވޭފަދަ އިފެކްޓިވް މަޖިލީހެއް ލިބިގަތުމަކީ މި ޤައުމަށް މިހާރު އޮތް އެންމެ މުހިއްމު މަސައްކަތް ކަމަށެވެ.
ކްރިޓިކަލް ކަންކަމުގެ ގޮތުގައި ސުޢޫދު ލިސްޓުކުރެއްވި ކަންކަން ލިބި ނުގަނެވި އޮތް އެންމެ ބޮޑު އެއް ސަބަބަކީވެސް އިފެކްޓިވް މަޖިލީހެއް ލިބިނުގަނެވި އޮތްއޮތުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ މިހާރު އަމަލުކުރަމުން މިދާ، ދެ އިންތިޚާބުގެ ދެމެދު 6 މަސް އޮންނަ ގޮތަށް ބައްޓަން ކުރެވިފައިވާ އިންތިޚާބީ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެންމެ މަޖިލީހެއްވެސް ވޭތުވެދިޔަ 15 ވަރަކަށް އަހަރު ލިބިފައެއް ނުވާ ކަމަށާއި މިއޮތް އިންތިޚާބީ ނިޒާމަކީ ރާއްޖެއަށް ބަލާއިރު ފެއިލްވެފައި އޮތް ނިޒާމެއްކަމަށް ބަލަންޖެހޭ ކަމަށެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ މިކަމުގައި ދެން ޢަމަލުކުރެވިދާނެ ގޮތްތަކަށް ބެލުން ލާޒިމުވާ ކަމަށާއި އެގޮތުން އެއް ވަގުތެއްގައި އިންތިޚާބު ބޭއްވުމަކީ އޮތް ގޮތް ކަމަށާއި އެ ކަން ޓެސްޓު ކުރުން މުހިއްމު ކަމަށެވެ.
މީގެ އިތުރުން އެއް ތާރީޚެއްގައި އިންތިޚާބު ބޭއްވުމުން، އިންތިޚާބު ބޭއްވުމުގެ އިދާރީ ޚަރަދާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރެވިދިޔުމުގެ ފުރުސަތުވެސް ކުޑަވާނެކަމަށް ފެންނަ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއެކު ނެގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތު ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފި2026 މާރިޗު 23
އެމްޑީޕީގެ އެދުމުގެމަތިން އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފި2026 މާރިޗު 23
ޖޭޕީ، އެމްޑީއޭގެ އިތުރުން ޢަދާލަތުން ވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާޢީދުކޮށްފި2026 މާރިޗު 18
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަޙުސްގައި އެމްޑީޕީ ބަލިވެއްޖެ: ޝުޖާޢު 2026 މާރިޗު 15