ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި ދައްޗެއް ނެތް: ރައީސް

ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ދަރިވަރުން އަދި ދަތުރުކުރާ މީހުންގެ ހާލަތު ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެދާނެ ދަތިތައް ބަލަމުންދާ ކަމަށެވެ. އަދި މިވަގުތު ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ތެލަށް ބަލާއިރުގައި، ތެލަށް އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަދި އަޅުގަނޑުމެންނަކަށް ދިމައެއް ނުވޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިޔާ ހަމަ ވަރަށް ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. އެއްވެސް ވަރަކަށް، ތެޔޮ، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް، އަދި ނެތް އެއްވެސް ކަހަލަ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިޞާދަށް މިކަމުން ކުރަމުންދާ އަސަރު ބަލާ ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރި ކަމަށް މީގެ އަސަރު ކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަސަރު ކުޑަ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މެދުއިރުމަތިން ޓްރާންސިޓްކޮށް އަންނަ ފްލައިޓްތައް އެހެން ގޮތަކަށް ރާއްޖެއަށް އާދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އެއަރލައިންތަކާއި އެޖެންޓުންނާއި ވާހަކަ ދައްކައި މިހާރު ބައެއް ފްލައިޓްތައް އެގޮތަށް އޮޕަރޭޓް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށްވެސް އަލްޓަނޭޓިވް ފްލައިޓްތައް ހޯދައި، ރާއްޖެއިން ފުރޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)
