logo
logo
ހަނގުރާމަ އިއުލާނުކޮށް ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި

ހަނގުރާމަ އިއުލާނުކޮށް ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި

2026 ފެބްރުއަރީ 27
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އަފްޣާނިސްތާނުން ރޭ ޕާކިސްތާނަށް ހަަމަލާ ދިނުމާ އެކު ޕާކިސްތާނުން ހަނގުރާމަ އިއުލާނުކޮށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިމެނޭ ގޮތަށް ބޮޑެތި ސިޓީތަކަށް ބޮން އަޅައިފި އެވެ. 

ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، އަފްޣާނިސްތާނުގައި ތާލިބާނުންގެ ލަޝްކަރުތަކާ މެދު ޕާކިސްތާނުގެ ކެތްތެރިކަން ގެއްލިފައިވާ ކަމަށެވެ. އަދި ޕާކިސްތާނުން މިހާރު "ފާޅު ހަނގުރާމައެއް" ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށާއި ޕާކިސްތާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އަފްޣާނިސްތާނުގެ ކަންދަހާރު ޕްރޮވިންސްގައި ހުންނަ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ދިފާއީ ވަޒީރު އާސިފް ވިދާޅުވީ މި ހަމަލާއަކީ އަފްޣާނިސްތާނުން ދިން ހަމަލާއާ ގުޅިގެން އެ ގައުމަށް ދޭން މަޖުބޫރުވި ހަމަލާއެއް ކަމަށެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އައްތާﷲ ތަރާރް ވިދާޅުވީ ހުކުރު ދުވަހު ޕާކިސްތާނުން ދިން ހަމަލާތަކުގައި އަފްޣާނިސްތާނުގެ ތާލިބާނުންގެ 133 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން އިތުރަށް ގޯސްވީ މިދިޔަ އޮކްޓޫބަރު މަހު ދެ ގައުމުން ބޯޑަރު ސަރަހައްދުގައި އެއްބަޔަކު އަނެއް ބަޔަކަށް ދިން ހަމަލާތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަށް ފަހުގަ އެވެ.

މި ހަމަނުޖެހުން އުފެދިފައި ވަނީ ޕާކިސްތާނުގެ ތާލިބާން ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކަށް ޕާކިސްތާނަށް ހަމަލާ ދިނުމުގައި އަފްޣާނިސްތާނުގެ ބޭސްތައް ބޭނުން ކުރެވިދާނެ ކަމުގެ ހުއްދަ އެ ގައުމުން ދީފައިވާ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރުމުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް