ޕާކިސްތާނުގެ ޓިކްޓޮކް ތަރިއެއް މަރާލި މީހާއަށް މަރުގެ ހުކުމް އިއްވައިފި!

ޕާކިސްތާނުގައި ބޮޑު ސަމާލުކަމެއް ހޯދާފައިވާ، އުމުރުން އެންމެ 17 އަހަރުގެ ސޯޝަލް މީޑިއާ އިންފްލުއެންސަރ ސަނާ ޔޫސުފްއަށް ބަޑިން ހަމަލާދީ މަރާލި މައްސަލައިގައި ކުށްވެރިވި މީހާއަށް ޕާކިސްތާނުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފިއެވެ. މުޅި ގައުމު ސިއްސުވާލި މި ރަހުމުކުޑަ މަރުގެ ހާދިސާއާ ގުޅިގެން އިސްލާމްއާބާދުގެ ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ އުމުރުން 23 އަހަރުގެ އުމަރު ހަޔާތުގެ މައްޗަށެވެ.
އުމަރު ހަޔާތު ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސަނާގެ ގެއަށް ވަދެ، އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. އޭނާ ސަނާ މަރާލީ، ސަނާއާ ގާތްގުޅުމެއް ބާއްވަން އޭނާ ތަކުރާރުކޮށް ކުރި މަސައްކަތްތަކަށް ސަނާ އިންކާރުކުރުމުންނެވެ.
މިދިޔަ ޖުލައި މަހު އުމަރު ހަޔާތު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ބުނި ގޮތުގައި ސޯޝަލް މީޑިއާއިން ދިމާވި ބައެއް މުއާމަލާތްތަކަށްފަހު، ސަނާ ދެކެ އޭނާއަށް އޮތީ ލޯބި އުފެދިފައެވެ.
ތަހުގީގުގެ ތެރޭގައި އުމަރު ހަޔާތު ކިޔައިދީފައިވާ ގޮތުގައި، އޭނާ އިސްލާމްއާބާދަށް ދިޔައީ ސަނާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށެވެ. ސަނާ އޭނާއާ ބައްދަލުކުރަން އިންކާރުކުރުމުން ވެސް، އޭނާ ވަނީ ސަނާ ދިރިއުޅޭ ގެއަށް ވަދެފައެވެ. އެތަނުގައި ދެމީހުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުވެ، އެ ޒުވާބު ހޫނުވެ ބަޑީގެ ހަމަލާއަކަށް ބަދަލުވީއެވެ.
މި މައްސަލައިގެ ތަހުގީގަށް ޕާކިސްތާނުގެ ފުލުހުން ވަނީ ވެރިރަށް އިސްލާމްއާބާދާއި ޕަންޖާބު ޕްރޮވިންސްގެ އެކި ސަރަހައްދުތަކުގައި ހުރި 113 ސީސީޓީވީ ކެމެރާގެ ފުޓޭޖް ހޯދައި ބަލާފައެވެ.
އިސްލާމްއާބާދުގެ ކޯޓުން އިއްވި ހުކުމުގައި އުމަރު ހަޔާތު މަރުގެ އަދަބު ދިނުމުގެ އިތުރުން، ސަނާގެ އާއިލާއަށް ބަދަލުގެ ގޮތުގައި 2.5 މިލިއަން ރުޕީސް (ގާތްގަނޑަކަށް 9,000 އެމެރިކާ ޑޮލަރު) ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަނާގެ ބައްޕަ ސައްޔިދު ޔޫސުފް ހަސަން ބުނީ މި ޙުކުމަކީ "މުޖުތަމައުގައި އުޅޭ މިފަދަ ހުރިހާ ކުށްވެރިންނަށް ލިބިގެންދާނެ ބޮޑު ފިލާވަޅެއް" ކަމަށެވެ.
މަރުވުމުގެ ކުރިން ސަނާ އަކީ ޓިކްޓޮކްގައި 1 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އަދި އިންސްޓަގްރާމްގައި ބައި މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި މަގުބޫލު ތަރިއެކެވެ. އޭނާގެ ސަޕޯޓަރުންނަށް އޭނާ ކަމުދިޔައީ ފެޝަން ޓްރެންޑްތައް ޓްރައިކުރުމާއި، ލަވަތަކަށް ލިޕްސިންކް ކުރުމާއި، ރައްޓެހިންނާއެކު ހޭދަކުރާ މަޖާ ވަގުތުތަކުގެ ވީޑިއޯތައް ހިއްސާކުރާތީއެވެ.
ސަނާގެ މަރާއެކު ގިނަ ބަޔަކު ހިތާމައާއި ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އޭނާ ސޯޝަލް މީޑިއާގައި އިންފްލުއެންސަރެއްގެ ގޮތުގައި ކުރި މަސައްކަތްތަކަށް ބައެއް ދީނީ އަދި ހަރުކަށި ފިކުރުގެ މީހުންގެ ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. ބައެއް ފިރިހެން ޔޫޒަރުން ވަނީ އޭނާގެ ވީޑިއޯތައް ސޯޝަލް މީޑިއާއިން ނެގުމަށް އާއިލާއަށް ގޮވާލާފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހަރަކާތްތެރިން ބުނާ ގޮތުގައި، ސަނާގެ މަރަކީ ޕާކިސްތާނުގައި އަންހެނުންނަށް ކުރާ އަނިޔާގެ ބޮޑު ސިލްސިލާއެއްގެ ބައެކެވެ. އަދި ސޯޝަލް މީޑިއާއަކީ ޕާކިސްތާނުގެ އަންހެން ކޮންޓެންޓް ކްރިއޭޓަރުންނަށް ވަރަށް ބިރުވެރި ތަނަކަށް ވެފައިވާކަމުގެ ހިތާމަވެރި ހަނދާންކޮށްދިނުމެކެވެ.

.gif.gif&w=828&q=100)

