logologologologo
STO
ދުނިޔެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގަ ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލަށް އުފަންފި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގަ ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލަށް އުފަންފި 14 ކުދިން މަރުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 26

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 14 ނިއުބޯން (އަލަށް އުފަންވި) ކުދިން މަރުވެއްޖެއެވެ. މިއާއެކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މައްސަލަ އިތުރަށް ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީޑިއާ ރިޕޯޓުތައް ބުናގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު، 'ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް' (ޕީއައިއެމްއެސް) ހޮސްޕިޓަލުގެ މަދަރ އެންޑް ޗައިލްޑް ސެންޓަރުގެ ތިންވަނަ ފްލޯގައެވެ.

ޕާކިސްތާނުގެ ޖިއޯ ޓީވީން ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި މަރުވި ކުދިންގެ އަދަދު 15 އަށް އަރައެވެ. ރާއްޖޭގަޑިން ހެނދުނު 07:00 އެހާކަންހާއިރު ރޯވި މި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. އަދި އެ ނާސަރީގައި ތިބި ކުދިންގެ ތެރެއިން ސަލާމަތް ކުރެވުނީ އެންމެ ކުއްޖެކެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، ހާދިސާގެ ފުރިހަމަ ތަހުގީގެއް ވަގުތުން ހިންގުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ. އަދި މިކަމުގައި އިހުމާލުވި ކޮންމެ ފަރާތަކާ މެދު "އެންމެ ހަރުކަށި ފިޔަވަޅު" އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރެސްކިއު އިދާރާތަކާ ހަވާލާދީ ޖިއޯ ޓީވީން ބުނީ އަލިފާން ރޯވާން ދިމާވި މައިގަނޑު ސަބަބަކީ ނާސަރީގައި ހުރި އެއާކޮންޑިޝަނެއްގެ މައްސަލައެއްޖެހި، ސޯޓް ސާކިޓްވުން ކަމަށް ބެލެވޭ ކަމަށެވެ.

ރައްކާތެރިކަމުގެ ގަވާއިދުތަކަށް އަހައްމިއްޔަތުކަން ނުދިނުމުގެ ސަބަބުން ޕާކިސްތާނުގައި އިމާރާތްތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. މިއަހަރުގެ ޖަނަވަރީ މަހުވެސް ކަރާޗީގެ ވިޔަފާރި މަރުކަޒެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 65 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބުދަ ދުވަހު ޕީއައިއެމްއެސް ހޮސްޕިޓަލުގައި ހިނގި މި ހާދިސާއަކީ ޕާކިސްތާނުގެ ތާރީޚުގައިވެސް ހޮސްޕިޓަލެއްގައި ހިނގި އެންމެ ހިތާމަވެރި އެއް އަލިފާނުގެ ހާދިސާއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް