logo
logo
ޕެޓްސް މުބާރާތުން ސިފައިން ރަން މެޑަލް ޙާޞިލުކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: ރައީސް

ޕެޓްސް މުބާރާތުން ސިފައިން ރަން މެޑަލް ޙާޞިލުކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: ރައީސް

2026 ފެބްރުއަރީ 09
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޕެޓްސް މުބާރާތުން ސިފައިން ރަން މެޑަލް ޙާޞިލުކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ކާމިޔާބީއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށެވެ.

މި މުބާރާތުގައި ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެއްކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންނަށް މަރުޙަބާ ވިދާޅުވެ، މުބާރާތުގައި ބައިވެރިވި ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވައިފައެވެ.

"އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" މުބަރާތަކީ ޕާކިސްތާނުގައި ބޭއްވި "ޕެޓްސް" ގެ 9ވަނަ މުބާރާތެވެ.

އެމްއެންޑީއެފުން ބުނީ މި ހިނގާ ފެބުރުވަރީ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވި ކަމަށެވެ.

އެ އިދާރާއިން ބުނީ މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިން ކަމަށެވެ. 

 ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ.

މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށްފައިވާ ކަން އެމްއެންޑީއެފުން ފާހަގަ ކުރެއެވެ.

"ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ދިވެހިރާއްޖެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްޤީކުރުމަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

"ޕެޓްސް" މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ މުބާރާތެކެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް