އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ ހުރިހާ ތަފުސީލެއް މިނިސްޓްރީތަކުން ޢާންމުކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހުރިހާ ވުޒާރާތަކަކުން ފުރިހަމައަށް ހާމަކޮށް، ދެފުށް ފެންނަ ވެރިކަމެއް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތާރީޚީ ކުރިއެރުމެއް ހޯދައިފިއެވެ.
2014 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި، ދައުލަތުގެ އިދާރާތަކުން މަދުވެގެން އަހަރަކު އެއްފަހަރު އަމިއްލަ އިސްނެގުމުގައި ބައެއް މައުލޫމާތުތައް ރައްޔިތުންނަށް ފެންނާނެހެން ހާމަކުރަން ލާޒިމުކުރެއެވެ. އޭގެ ތެރޭގައި އިދާރާތަކުގެ ދައުރާއި، ހިންގުމުގެ އޮނިގަނޑާއި، ދެވޭ ޚިދުމަތްތަކުގެ ތަފުސީލުގެ އިތުރުން، އާންމުން ހުށަހަޅާ ޝަކުވާތަކާއި އެ ބަލަމުންދާ ގޮތުގެ ތަފުސީލުތައް ހިމެނެއެވެ.
މި ގާނޫނަށް 12 އަހަރު ވެގެންދިޔައިރުވެސް، މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް މި މާއްދާގެ ދަށުން މައުލޫމާތުތައް އެދެވޭ ގޮތެއްގައި ހާމަކުރެވިފައެއް ނުވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އެކި ފަހަރު މަތިން މިކަން ސަރުކާރުތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް، މިހާތަނަށް އޮތީ މި ޒިންމާ ފުރިހަމައަށް އަދާނުކުރެވިއެވެ.
ވުޒާރާތަކުން މައުލޫމާތު ހާމަކުރި ތަރުތީބު
ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ އެންގެވުމާ އެއްގޮތަށް، ރައީސް އޮފީސް ހިމެނޭހެން ދައުލަތުގެ މުހިއްމު 16 އިދާރާއަކުން ވަނީ ތާވަލަކާ އެއްގޮތަށް މިއަދުގެ ނިޔަލަށް ހުރިހާ މައުލޫމާތެއް ފުރަތަމަ ފަހަރަށް ރަސްމީކޮށް ޢާންމުކޮށް ނިންމާފައެވެ.
- މޭ 21: އިކޮނޮމިކް މިނިސްޓްރީ، ކްލައިމެޓް އެންޑް އެނާޖީ މިނިސްޓްރީ އަދި ހެލްތް އެންޑް ވެލްފެއާ މިނިސްޓްރީ
- މޭ 31: ކޮންސްޓްރަކްޝަން މިނިސްޓްރީ
- ޖޫން 1: ހޯމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ
- ޖޫން 2: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، އިސްލާމިކް މިނިސްޓްރީ، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ފިޝަރީޒް މިނިސްޓްރީ
- ޖޫން 3: ފޮރިން މިނިސްޓްރީ
- ޖޫން 4: ކަލްޗަރ މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ
- ޖޫން 7 (މިއަދު): އެންމެ ފަހު ވުޒާރާއެއްގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަނުން ވަނީ މައުލޫމާތުތައް ހާމަކޮށްފައެވެ.
މި ބޮޑު ކުރިއެރުން ފާހަގަކުރައްވައި އިންފޮމޭޝަން ކޮމިޝަނަރު އަޙިލް ރަޝީދު ވަނީ، ގާނޫނީ ޒިންމާ އަދާކުރުމަށް ހުރިހާ މިނިސްޓްރީތަކަކުން ކުރި އިޚްލާޞްތެރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި، މިއީ ރާއްޖޭގެ އިދާރީ ހިންގުމަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މަޢުލޫމާތު ހާމަކުރުމުގެ އާ ސިޔާސަތު
މިހާރުގެ ސަރުކާރުން އަންނަނީ މައުލޫމާތު ފޯރުކޮށްދިނުމުގައި ކުރިން ނުފެންނަ ފަދަ ހާމަކަން ބޮޑު ސިޔާސަތުތަކެއް ގެންގުޅެމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:
- އާރުޓީއައި (RTI) ތަކަށް ޖަވާބުދިނުން: ރައީސް އޮފީހަށް ހުށަހެޅޭ މައުލޫމާތު ހޯދުމުގެ ހުރިހާ ހުށަހެޅުންތަކަކަށް (RTI) އަންނަނީ ލަސްނުކޮށް ފުރިހަމައަށް ޖަވާބު ދެމުންނެވެ.
- ކޮންމެ ހަފުތާއަކު ނޫސްވެރިންގެ ބައްދަލުވުން: ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، މީޑިއާތަކުގެ ސުވާލުތަކަށް ސީދާ ޖަވާބުދެއްވައެވެ.
- ތަރުޖަމާނުގެ ބްރީފިންގް: ރައީސް އޮފީހުގެ ތަރުޖަމާނުވެސް ހަފުތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރުގެ ނިންމުންތަކުގެ ތަފުސީލު ހާމަކުރައްވައެވެ.
- އާންމު ހޭލުންތެރިކަން އިތުރުކުރުން: މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތަފާތު ޕްރޮގްރާމްތައް ދަނީ ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ.
މި ފިޔަވަޅުތަކާއެކު، ސަރުކާރުގެ ހިންގުން ހާމަކަން ބޮޑުކޮށް، ރައްޔިތުންނަށް ޖަވާބުދާރީވުމުގައި މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް އެޅުނު އެންމެ ވަރުގަދަ އަދި އެންމެ ނަތީޖާ ނެރެދިން ފިޔަވަޅުކަން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.
އިތުރަށް





.gif.gif&w=828&q=100)