ފަހި ފުލެޓްތަކުގެ ސަރަހައްދަށް ކުނިއެޅި ދެ މީހަކު އެފްޑީސީން ޖޫރިމަނާކޮށްފި!

ފަހި ފްލެޓްތަކުގެ އެކި ސަރަހައްދުތަކަށް އުސޫލާ ޚިލާފަށް ކުނި އެޅި ދެ މީހަކު ފާހަގަކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
މިކަމާއި ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓްތަކުގެ އެއްބަސްވުމާ ޚިލާފުވުމުން އެކަކު 5,000 ރުފިޔާ އިން އަދި އަނެކަކު 3,000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާކަމަށެވެ.
"އަމާން ޓަވަރު" ތަކުގެ އާންމު ސަރަހައްދުތަކާއި، އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ކުނި އުކަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަ ކުރެވިގެން، އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާކަމުގެ ޝަކުވާ ލިބެމުންއަންނަ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފައެވެ.
އެފްޑީސީން ބުނީ އެފަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ޤަވާޢިދާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ފާހަގަކޮށްފައެވެ.
އެފްޑީސީން ބުނީ އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާކަމެކެވެ. ގޭބީސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ 'ގާބޭޖް ރޫމް' ތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް ކަމަށެވެ. އަދި ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި، ފުޅިމަދު އަދި އެ ނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެކެވެ.
އެފްޑީސީން ވަނީ ޤަވާޢިދާ ޚިލާފަށް ކުނި އުކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ ޖޫރިމަނާ ކުރާނެކަން އާންމުކޮށް އަންގައި އިއުލާން ކޮށްފައެވެ. އަދި އެ ކުންފުނިން ވަނީ ކުނި އުކާލުމުގައި މާހައުލުގެ ސާފުތާހިރުކަމަށް ފަރުވާތެރިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
އުސޫލާއި ޚިލާފަށް ކުނި އުކާ މީހުން ޖޫރިމަނާ ކުރުމަކީ އެފްޑީސީއިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި ފްލެޓްތަކުގެ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަށް އެފްޑީސީން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި ހަރުކަށި ފިޔަވަޅެކެވެ.
އިތުރަށް





.gif.gif&w=828&q=100)
