
ތާރީޚީ ދުވަހެއް، ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅާލައިފި
ޒައުޖަތު އަޙުމަދުރާއްޖޭގެ ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލައިފިއެވެ.
"ސަދަން ކަނެކްޓިވިޓީ" ނުވަތަ "ދެކުނުގެ ގުޅުން" ނަމުގައި ޤައުމީ އެއާލައިން، މޯލްޑިވިއަނުން ކުރާ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 1 ފެބްރުއަރީން ފެށިގެންނެވެ.
ވައިގެ މަގުން ގުޅާލާފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި، ފުވައްމުލަކާއި، ގއ.އަތޮޅު އަދި ގދ. އަތޮޅެވެ.
މިކަމަށްޓަކައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ކެބިނެޓުގެ ގިނަ ވަޒީރުންނާއި މޯލްޑިވިއަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އޮޕަރޭޝަންގެ ބޭސްއަކަށް ހަދާފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓް ކަމަށާއި އަދި މިއީ އައިލެންޑު އޭވިއޭޝަންގެ ތާރީޚުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި އިތުރު އޮޕަރޭޝަން ބޭސްއެއްގެ ގޮތުގައި ކަނޑައެޅި ފުރަތަމަ އެއާޕޯޓް ކަމަށް، މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވިއެވެ.
އިޔާސް ވިދާޅުވީ، ފުރޮޅުލީ ޓްވިން އޮޓަރ މަތިންދާ ބޯޓުގައި ޝެޑިއުލް ކޮމާރޝަލް ފްލައިޓުގެ ޚިދުމަތް ފަށާ ފުރަތަމަ އެއާލައިނަކީ މޯލްޑިވިއަންކަމަށެވެ.
އިޔާސް ވިދާޅުވީ، އައްޑޫއަކީ ފަތުރުވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ސަރަޙައްދަކަށްވާތީ ވައިގެ މަގުން 4 އަތޮޅު ގުޅާލުމަކީ، މި ސަރަޙައްދުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތާއެކު މި ސަރަޙައްދުގެ ރަށްތަކަށް ދަތުރު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުވެގެންދާނެ ކަމަށްވެސް އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންއިން މިހާރުވެސް ހަފްތާއަކު 2 ދުވަހު ގަމަށް ދަތުރުކުރެއެވެ.
ދެކުނުގެ 4 އަތޮޅު ގުޅާލުމާއިއެކު މި ސަރަޙައްދުގެ ރައްޔިތުންގެ ގުޅުން ބަދަހިވެ، އިޖުތިމާޢީ ގޮތުން ކުރިއެރުން އަންނާނެ ކަމަށާއި މި ސަރަޙައްދަކީ ފަތުރުވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ސަރަޙައްދަކަށް ވުމާއެކު މި ދަތުރުތަކާއެކު މި ސަރަޙައްދަށް ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް ވެސް އިޔާސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސީޕްލޭން ޚިދުމަތާއެކު ދެކުނުގެ އަތޮޅުތައް ގުޅާލުމުން އެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމަށް ދިރުން ލިބިގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ޑިމާންޑް އިތުރުވާނަމަ އިތުރު ބޯޓުތަކާއެކު ދަތުރުތައް އިތުރު ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ގދ. އަތޮޅުގެ ފަރެސްމާތޮޑާ އެއާޕޯޓާއި، މާވަރުލު އެއާޕޯޓުވެސް މި ޚިދުމަތުގެ ތެރެއަށް އިތުރު ކުރެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވީ ރާއްޖޭގައި ސީޕްލޭން އަދި އެއަރޕޯޓުގައި އެފަދަ ބޯޓުތައް އޮޕަރޭޓް ކުރެވޭގޮތް ހުންނަތާ އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ޚިދުމަތް ދެކުނުގައި ފެށިފައިނުވާ ކަމަށާއި މިއަދު އެ ޚިދުމަތް ފެށިގެންގޮސްފައިވަނީ ރައްޔިތުންނަށް ޚިދުމަތެއް ދިނުމުން އެ ޚިދުމަތަކުން ރައްޔިތު މީހާގެ ދިރިއުޅުމަށް ފަސޭހަކަމެއް ގެނެސްދޭނެ ކަމުގެ އިހްސާސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވެވަޑައިގަންނަވާތީ ކަމަށް އިހްސާން ވިދާޅުވިއެވެ.
މި ދަތުރުތަކަށް ބުކިން ހެދުމަށް މިހާރު ހުޅުވާލާފައިވާއިރު، މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ، 5 ރޫޓަށް ބަހާލައިގެންނެވެ. އެއީ، އައްޑޫ ގަމުން ހުވަދު އަތޮޅުގެ ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓުގެ އިތުރުން ފުވައްމުލަކަށް ދަތުރު ކުރާ ގޮތަށާއި ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ދެވޭ ގޮތަށެވެ. ދަތުރުތަކަށް އަގުތައް ކަނޑައަޅާފައިވަނީ 500ރ އިން ފެށިގެންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަންނަ ހަފުތާގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަނީ2025 ސެޕްޓެމްބަރު 03
މޯލްޑިވިއަންއަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ އެއްްފަހަރާ ދައްކަން އެމްޑީޕީއަށް ހުކުމް ކޮށްފި2025 ޖުލައި 30
މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގައި ތާނައަކުރުން "ދިވެހިރާއްޖެ" ޖަހައިފި!2025 ޖުލައި 28
ޗައިނާގެ އިތުރު ސިޓީއަކަށް މޯލްޑިވިއަނުން ދަތުރުތައް ފަށައިފި!2025 ޖުލައި 08