މޯލްޑިވިއަންއިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށައިފި
.webp&w=1080&q=100)
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަންއާއި ރާއްޖެއާ ދެމެދު ފުރަތަމަ ފަހަރަށް ސީދާ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
މި ތާރީޚީ ފުރަތަމަ ދަތުރުގައި ބޭނުންކޮށްފައިވަނީ މޯލްޑިވިއަންގެ އޭ330 (A330) މަރުކާގެ ފުޅާ ބޯޓެކެވެ. މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި، މި ދުރު ރާސްތާގެ ދަތުރުތަކަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ އިތުރުން ގައުމީ އެއާލައިނުން ހާސިލްކުރި ފަޚުރުވެރި ކާމިޔާބީއެކެވެ.
މީގެކުރިން އޮސްޓްރޭލިއާއިން ރާއްޖެއަށް ދަތުރުކުރާ މީހުންނަށް އޮތީ އެކި ގައުމުތަކުގައި ޓްރާންސިޓްކޮށްގެން ދިގު ދަތުރެއް ކުރަންޖެހުމުގެ ބުރަޔާއެވެ. ނަމަވެސް އަލަށް މި ފެށުނު ސީދާ ދަތުރުތަކާއެކު ދަތުރުވެރިންނަށް ވަގުތުގެ ގޮތުންނާއި އަރާމުކަމުގެ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޚާއްސަކޮށް، އޮސްޓްރޭލިއާއިން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރާ ދިމާކޮށް މި ޚިދުމަތް ފެށުމުން، ފަތުރުވެރިންނަށް އެއްވެސް މަޑުކުރުމެއް ނެތި ސީދާ ރާއްޖެއަށް އައިސް، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކާ ފަސޭހަކަމާއެކު ގުޅާލުމުގެ މަގު ހުޅުވިގެންދާނެއެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށާނެކަން މޯލްޑިވިއަން އިން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައެވެ. އެއަށްފަހު، މި ދަތުރުތަކަށް ބޭނުންވާ ގާނޫނީ ކަންކަން ނިންމައި، ދެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީތަކުގެ މެދުގައި މުހިންމު އެއްބަސްވުމެއްގައި ސޮއިކުރީ މިއަހަރުގެ މާރިޗް މަހުގެ 19 ވަނަ ދުވަހުއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކަށް ދަތުރުކުރުމުގައި ކުރިން ކުރިމަތިވި ހުރިހާ ހުރަސްތަކެއް އެއްކޮށް ނައްތާލެވިފައިވާ ކަމަށެވެ.
މި އައު އުދުހުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން މުޅިން އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުންނާއި މޯލްޑިވިއަން އިން އުންމީދު ކުރެއެވެ.
އިތުރަށް





.gif.gif&w=828&q=100)