logologologologo
STO
ޚަބަރު

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް މުޅިން އައު މަނަވަރެއް ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް މުޅިން އައު މަނަވަރެއް ހަދިޔާކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 19

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް މުޅިން އައު މަނަވަރެއް ހަދިޔާކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނީ އޮސްޓްރޭލިއާ ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓު ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ ކަމަށެވެ. 

އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގ ނޭވަލް ބޭސްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާއާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ. 

މި އުޅަނދަކީ، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިޢުލާންކުރެއްވި އުޅަނދެކެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެކެވެ. 

މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ.

ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. 

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. 

އަސްކަރީ ކަނޑުމަތީގެ ސަޤާފަތާއި އާދަކާދައާ އެއްގޮތަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރުގެ ކޮމާންޑިންގ އޮފިސަރާއި ކުރޫން ވަނީ މަނަވަރަށް އަރައި، ދިވެހިރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައެވެ.

 އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އައު މަނަވަރު، މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މި އުޅަނދުގެ ކުރޫންނަށް އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ޚާއްޞަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ނިމުމުން، މި އަހަރުގެ މޭ މަހުގެ ފަހުކޮޅުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

MALDIVE GASAllied Insurance
އިތުރަށް