logo
logo
ރާއްޖޭގައި ދުރުފެންނަ މިންވަރު ދަށްވުމުން މަތިންދާބޯޓު ދަތުރުކުރާ ޤަވާޢިދަށް ބަދަލުތަކެއް ގެނެސްފި

ރާއްޖޭގައި ދުރުފެންނަ މިންވަރު ދަށްވުމުން މަތިންދާބޯޓު ދަތުރުކުރާ ޤަވާޢިދަށް ބަދަލުތަކެއް ގެނެސްފި

2026 ޖެނުއަރީ 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރާއްޖޭގައި ދުރުފެންނަ މިންވަރު ދަށްވުމުން މަތިންދާބޯޓު ދަތުރުކުރާ ޤަވާޢިދަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެމްއޭސީއެލްއިން ބުނީ ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައި ވާތީ މަތިންދާބޯޓު ދަތުރު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެ ނަމަ ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ކަމަށެވެ.

އެ ކުންފުނިން ބުނީ މިޙާލަތުގައި މި ހާލަތުގައި މިފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ ރާއްޖޭގެ ވައިގެ ނިއަމި ކަމުގެ ޚިދުމަތް ދޭން ޙަވާލު ކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން އެކުންފުނިން ކުރުން ލާޒިމް ކަމެއް ކަމަށާއި އަދި މިއީ އަބަދުވެސް މިފަދަ ޙާލަތެއް މެދުވެރިވާ ހިނދު ޢަމަލު ކުރާ އުސޫލުކަމަށެވެ.

އެމްއޭސީއެލްއިން އަޅާފައިވާ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ޤަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި އޭގެ ބަދަލުގައި އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރު ކުރަން އެންގުމެވެ. މި ޤަވާއިދަށް ޢަމަލު ކުރާނީ، ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ޙާލަތްތަކުގައި ކަމަށް އެމްއޭސީއެލުން ބުންޏެއެވެ.

އެސްވީއެފްއާރު ބޭނުން ކޮށްގެން ދަތުރު ކުރުމަށް މަތިންދާ ބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލު ކުރަމުން ދިޔަ އުސޫލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަަށް ކަމަށް އެކުންފުނިން ބުންޏެވެ.

ރާއްޖޭ ސަރަހައްދުގައި ދުންފުސް ބޯވުމާއި ގުޅިގެން މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެންމެ ބޮޑަށް ދުންފުހުގެ އަސަރު ކުރި އެއް ދުވަހެވެ. އެދުވަހު ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރަށް ދަށަށް ދިޔަ ކަމަށާއި ނަމަވެސް މިވޭތުވެ ދިޔަ ދެ ދުވަހު ރާއްޖެ ސަރަހައްދުގައި ދުރުފެންނަ މިންވަރު ހުރީ 2 ކިލޯ މީޓަރުގައި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން މިހާލަތު މިއަށްވުރެ ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް