
ސިނގިރޭޓް ވައްކަން ކުރި މީހުން އެ ފައިސާ ޖުވާކުޅެން ހޭދަކުރި، ފައިސާތައް ވަނީ ގެއްލިފައި: ނާޒިމް
ޒައުޖަތު އަޙުމަދުސިނގިރޭޓް ވައްކަން ކުރި މީހުން އެ ފައިސާ ޖުވާކުޅެން ހޭދަކުރި ކަމަށާއި އެ ފައިސާތައް ވަނީ ގެއްލިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ޖުވާކުޅުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަޙުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަޙުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓްތަކެއް ވަގަށް ނެގި މީހުން އެކަމުން ލިބުނު ފައިސާ ހަރަދުކުރީ ޖުވާ ކުޅެން ކަމަށެވެ. ނާޒިމް ވިދާޅުވީ ސިނގިރެޓްގެ ބޮޑު ވައްކަމުން ހޯދި ފައިސާއިން ޖުވާ ކުޅެ، ފައިސާ އިތުރުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި އެ މީހުންގެ އަތުން ފައިސާތައް ގެއްލިފައިވާ ކަމަށެެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ބައެއް ވައްކަންތަކުގައި ވެސްް އެގޮތަށް ކަންތައް ކޮށްފައިވާކަން އެނގިފައިވެއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ސިނގިރެޓް ވައްކަމުގައި ހިމެނޭ މީހުން ޖުވާކުޅެގެން ހޯދި ފައިސާ އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރަން ކުންފުނިތަކެއް ހަދާފައިވާ ކަމަށެވެ. އަދި އެ ކުންފުނިތައް ރަޖިސްޓްރީކޮށްފައި ހުރީ ރާއްޖޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަންކަމުން ދޭހަވަނީ އާއްމުކޮށް ފެންނަން އޮތް ވަރަށް ވުރެެ މާ ފުޅާ ދާއިރާއެއްގައި ޖުވާގެ ކަންތައް ހިންގާ ކަން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ޖުވާކުޅޭ މީހުންގެ އެކައުންޓްތަކަށް އެ ކުންފުނިތަކުން ފައިސާ ޖަމާކުރަނީ ބޭންކުތަކަަށް އެކަން ދެނެ ނުގަނެވޭހާ ކުދިކުދި އަދަދުތަކުންނެވެ.
މި ބިލުގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ޙުކުމެއް އަންނާނެ ޖިނާޢީ ކުށަކަށް ހަދަން ހިމަނާފައިވެއެވެ.
މި ބިލު ހުށަހަޅުއްވަމުން އަޒާން ވިދާޅުވީ، ރާއްޖޭގެ ޒުވާނުންގެ މެދުގައި ޖުވާ ކުޅުން އިތުރުވަނީ އަވަހަށް މުއްސަނދި ވެވޭނެކަން ޤަބޫލުކުރެވިފައި އޮތުމުން ކަމަށާ ނަމަވެސް މިއީ ގެއްލުން ހުރި ޢަމަލެއް ކަމަށާއި ޤާނޫނުލް ޢުޤޫބާތަށް ހުށަހަޅާފައިވާ އިސްލާޙާއެކު އެފަދަ ކުށް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ ކަމަށެވެ.
މި ބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ޒުވާން ޖީލު އުފެއްދުންތެރި ބަޔަކަށް ހެދުމަށް ޖުވާ ކުޅުން މަނާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


