logologologologo
STO
ރިޕޯޓް

ޖުވާގެ ސަބަބުން ހަޔާތް ބަރުބާދުވި ދިވެހި ޒުވާނަކު، މިކިޔާދެނީ އެކަމުގެ ނުރައްކަތެރިކަން

ޖުވާގެ ސަބަބުން ހަޔާތް ބަރުބާދުވި ދިވެހި ޒުވާނަކު، މިކިޔާދެނީ އެކަމުގެ ނުރައްކަތެރިކަން
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 04

އެއްއިރަކު އޭނާ އަކީ ވެސް އުފާވެރި، ހަމަޖެހޭ އަދި އުންމީދުން ފުރިގެންވި ދިރިއުޅުމެއް އުޅެމުންދިޔަ މީހެކެވެ. އުމުރުން އެންމެ 16 އަހަރުގައި އޭނާ ރިސޯޓުގެ ވަޒީފާއަށް ނުކުމެއްޖެ އެވެ. ކޮންމެ މަގާމެއްގައި، ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އުމުރުން 25 ވީއިރު އޭނާ ހުރީ ރިސޯޓުގެ އިސް ބަޓުލަރެއްގެ ވަޒީފާގަ އެވެ. މި ދައްކަނީ ޖުވާގެ ސަބަބުން ހަޔާތް ބަރުބާދުވި ގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރި ނާޖިހް އިބްރާހިމްގެ ވާހަކަ އެވެ.

އޭނާ ހުރީ ޒިންމާދާރު ވަޒީފާއެއްގައި، އާއިލާގެ ހުރިހާ ޒިންމާތަކެއް ނަަގައިގެންނެވެ. ރައްޓެއްސަކު ފޯނުން ދައްކާލި މާ ފައްކާ އެޕްލިކޭޝަނެއްގައި ޖެހި، އޭގައި ބަނދެވި، އެއިން ނުނުކުމެވި، މުޅި މީހާގެ ދިރިއުޅުން ހަފުސްވީ އެވެ.ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ދަނިކޮށް ޝައިޠާނާގެ މަގުފުރެއްދުމުގެ ތެރެއިން، ޖުވާކުޅުމުގެ ނުބައި ވަބާގައި އޭނާ ޖެހުނުގޮތް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ. ފުރަތަމަ މަޖަލަކަށް ފެށި ކަމެއް ނަމަވެސް، ވަގުތު ފާއިތުވަމުން ދިޔަވަރަކަށް އޭނާގެ މުޅި ދިރިއުޅުން އެ ކަމުގެ އަނދިރި އަނދަވަޅުގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ ވިސްނުމާއި ސިކުނޑި ހަލާކުވެ، އިންތިހާ ދަރަޖައިގެ ޑިޕްރެޝަނަކަށް ވެއްޓި، އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ކެނޑިގެން ދިޔަކަމަށް ނާޖިހު ބުންޏެވެ.

ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެމުން ނާޖިބު ބުނިގޮތުގައި މީގެ ހަތް ވަރަކަށް އަހަރު ކުރިން، ރަހުމަތްތެރިއަކު ދައްކާލި ބެޓިން އެޕް ބޭނުންކުރަން ފެށީ އެއްވެސް ވަރަކަށް ފައިސާ ހަރަދުނުކޮށެވެ. އޭނާގެ މަގްސަދަކަށް ފުރަތަމަ ވީ ޖުވާ ކުޅުމެއް ވެސް ނޫނެވެ. އޭނާ ދަންނަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އެކަން ކުރާތީ، އަޖުމަ ބަލައިލަން ބޭނުންވީ އެވެ.

އެކަމަކު އޭނާއަށް ނޭނގުނީ މިއީ ދަންތުރައެއް ކަމެވެ. ބެޓިން އެޕުން ފުރަތަމަ ލިބުނު ފައިދާ މަގުކޮށައިދިނީ އެއަށް ވުރެ އެތެރެއަށެވެ. އެތަނުން ސީދާ ޖުވާގެ އެޕްލިކޭޝަން ފެނި، އެ ބޭނުންކުރަން ހިތް އެދުނެވެ. ފުރަތަމަ އަތުން ދިޔައީ މަދު ފައިސާ ކޮޅެކެވެ. އެކަމަކު އަނބުރާ ލައްކައިން ފައިސާ ލިބުނެވެ.

މާ ބޮޑު މަސައްކަތަކާ ނުލައި، އެހާ ފަސޭހައިން ލިބުނު އެ މޮޅު ހޯދަން އަނެއްކާވެސް އޭނާ ބޭނުންވި އެވެ. މި ފަހަރު ކުރިމަތިވީ ގެއްލުމާ އެވެ. ދެން ކުޅެން ޖެހުނީ، ބުރަ މަސައްކަތުން، އޭނާ ރައްކާކުރި ފައިސާ ބޭނުންކޮށްގެންނެވެ.

މި ލަދުވެތި ޢަމަލުގެ ސަބަބުން އޭނާގެ ކައިވެނި ނިމުމަކަށް އައެވެ. އިތުބާރުކުރި އެންމެހައި އެކުވެރިންނާއި ހެޔޮއެދޭ މީހުން ގެއްލި، ނާޖިހު މުޅިން އެކަނިވެރިވިއެވެ. އެތައް މިލިއަން ރުފިޔާއެއް ލިބުނު ނަމަވެސް، އެއަށްވުރެ އެތައް ގުނައެއް އިތުރަށް ގެއްލި، އޭނާ މުޅިން ބަނގުރޫޓުވިއެވެ. ނަތީޖާއެއްގެ ގޮތުން، އެތައް ބަޔަކަށް ބޮޑެތި ޢަދަދުތަކުން ދަރަނިވެރިވާން ޖެހުނެވެ. އެކަކު އަތުން ލޯނު ނަގައިގެން އަނެކަކަށް ދައްކަމުން ދިޔަ ދޮގާއި މަކަރުގެ ދަލެއްގައި އޭނާ ތާށިވިއެވެ.

މިއަދު ނާޖިހުގެ ހާލަކީ، މީހުންގެ އިންޒާރުތަކާއި ބިރުވެރިކަމުގެ ސަބަބުން ކޮޓަރިން ބޭރަށް ނިކުންނަން ނުކެރި، ބިރުވެރިކަމެއްގެ ތެރޭގައި ދުވަސްތައް ގުނުމެވެ. ވަޒީފާއަކަށް ދިޔަނަމަވެސް، އެތަނަށް މީހުން ގުޅައި ބިރުދައްކަމުން ދާތީ އެއްވެސް މަސައްކަތެއް ހަމަޖެހިގެން ކުރެވޭނެ ގޮތެއް ނެތެވެ. އަނބުރާ ފައިސާ ހޯދަން މީހުން އަބަދު ފޯނަށް ގުޅަނީ އެވެ. ފޭސްބުކްގައި ފޮޓޯއާ އެކު އޭނާގެ ވާހަކަ ޖަހާނެ ކަމަށް ބުނެ ބިރު ދައްކަނީ އެވެ. އަނެއް ބަޔަކު، ތަޅައިގަންނަން ނުވަތަ ވަޅި ހަރާނެ ކަމަށް ބުނެ އިންޒާރުދެ އެވެ. މަގުމައްޗަށް ނުކުތް ތަނުން ބަޔަކު މީހުން އެއް ފަހަރު އޭނާ ހިފަހައްޓާ ހަމަލާ ދޭން ވެސް އުޅެފި އެވެ.

އަޅުގަނޑު ﷲ ގަންދީ ވަޢުދުވަމެވެ. އަޅުގަނޑު ދައްކަންޖެހޭ އެންމެހައި ފައިސާއެއް، ކިތަންމެ ދަތި ޙާލުގައި ނަމަވެސް، މަސައްކަތް ކޮށްގެން އަނބުރާ ދައްކައި ޚަލާޞްކުރާނަމެވެ. އަޅުގަނޑަށް އެ ފުރުޞަތާއި ވަގުތު ދެއްވުން އެދި އާދޭހާއެކު ދަންނަވަން: ނާޖިހު

ނާޖިހު ސޯޝަލް މީޑިއާގައި ހިއްސާކުރި ވާހަކަކޮޅު ނިންމާލީ މުޖުތަމައުއަށް އަދި ޒުވާނުންނަށް ވަރުގަދަ މެސެޖެއް އަދި ނަސޭހަތެއް ވެސް ދީފައެވެ. އޭނާގެ މި ހިތްދަތި ތަޖުރިބާއިން ޢިބުރަތް ޙާޞިލުކުރުމަށް މުޅި މުޖުތަމަޢަށް، ޚާއްޞަކޮށް ޒުވާނުންނަށް ނަޞޭޙަތްތެރި ވިއެވެ. ޖުވާކުޅުމަކީ މީހާގެ ދުނިޔެއާއި އާޚިރަތް ހަލާކުކޮށްލާ ބޮޑު ވަބާއެއްކަން ހަނދާން ކޮށްދިނެވެ. އެއީ އުފަލެއް ނޫން ކަމަށާއި އެއީ މުޅި ދިރިއުޅުން އަނދާ އަޅިއަށް ހަދާލާ ވިހައެއްކަމަށާއި އެއްވެސް އަޚަކު ނުވަތަ އުޚުތަކު މި ނުބައި މަގަށް ފިޔަވަޅު ނޭޅުމަށް އޭނާގެ ހިތުގެ އަޑިން އެދޭ ކަމަށް ނާޖިހު ބުންނެވެ.

އޭނާގެ ކުށްތަކަށް ތައުބާވެ، ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމަޢަށް އެނބުރި އައުމަށް ކުރާ މަސައްކަތުގައި ތިޔަ އެންމެހައި ފަރާތްތަކުގެ މަޢާފާއި ހެޔޮދުޢާއަށް އޭނާ ވަނީ އެދިފަ އެވެ.

 ޖުވާ ކުޅުމުގައި ދިވެހި އެތައް ބަޔަކު މިހާރު ތިބީ ތާށިވެފަ އެވެ. އަމިއްލަ ގެދޮރު ވިއްކާ ހިސާބަށް ބައެއް މީހުންގެ ހާލަތު އޮތީ ގޮސްފަ އެވެ. އެހެންކަމުން ނާޖިހުގެ މި މެސެޖަކީ މުޅި މުޖުތަމައުއަށް ވަރަށް ވެސް މުހިންމު މެސެޖެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް