ރައީސްގެ ވަޢުދު ފުއްދަވައި ޝަންގުރިއްލާ އަލުން ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުއްދަވައި އައްޑޫ ވިލިނގިލީގައި ހަދާފައިވާ ޝަންގުރިއްލާ ރިސޯޓް އަލުން ހުޅުވައިފިއެވެ.
ކޮވިޑް 19 އާއި ގުޅިގެން މުއްދަތެއް ނެތް ގޮތަށް، 2020 ވަނަ އަހަރު ބަންދުކޮށްފައިވާ ޝަންގުރިއްލާ ވިލިނގިލި ރިސޯޓް ހުޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެއީ އެމަނިކުފާނު އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅެވެ.
ޝަންގުރިއްލާ ރިސޯޓް ހުޅުވައި މިއަދު އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔާފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އައްޑޫ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މި ރިސޯޓުގައި 132 ވިލާ ހިމެނެއެވެ. މި ރިސޯޓު ހުޅުވުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވެސް ވަޢުދުވެ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއިހުރެ އެކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ރައީސްގެ ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވަޢުދުފުޅު ވެލެއްވި ގޮތަށް އެ ރިސޯޓް ހުޅުވުމުގެ މަސައްކަތް ކުރައްވާ މި ހިނގާ 2025 އަހަރު ނިމުމިގެ ކުރިން ހުޅުވާނެ ކަމަށް އެމަނިކުފާނު މި އަހަރުގެ ސެޕްޓެމްބަރުގައި އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ.
ޝަންގުރިއްލާ ރިސޯޓް ބަނދުކުރިއިރު އެ ތަނުގައި 500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ރިސޯޓް ހުޅުވުމަކީ އައްޑޫގެ އިޤްތިޞާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އައްޑޫގެ ގިނަ ބަޔަކަށް ވަޒީފާ ލިބި ސަރަހައްދުގެ ފަތުރުވެރިކަމަށް އައު ދިރުމެއް ލިބޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ޝަންގުރިއްލާ ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.
އިތުރަށް





.gif.gif&w=828&q=100)
