ތާރީޚީ ދުވަހެއް، ރާއްޖޭގައި މިއަދު ދެ މިސްކިތް ހުޅުވައިފި

ރާއްޖޭގެ ދެ ހިސާބެއްގައި މިއަދު ދެ މިސްކިތް ހުޅުވައިފިއެވެ.
މިއަދު ހުޅުވާފައިވާ އެއް މިސްކިތަކީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި މަސްޖިދުލްއީމާންއެވެ. މި މިސްކިތަކީ 1200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ތަނަވަސް މިސްކިތެކެވެ. 3 ފުލޯއަށް އިމާރާތްކޮށްފައިވާ މިމިސްކިތް ބިނާކޮށްފައި ވަނީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައެވެ.
މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގައެވެ. އެމިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒުއެވެ.
މިއަދު ހުޅުވުނު ދެ ވަނަ މިސްކިތަކީ އައްޑޫ ސިޓީ މަރަދޫގައި އަލަށް އިމާރާތްކުރެވުނު މިސްކިތެވެ.
މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
މަސްޖިދުއްރައްޔާން ގެ ނަމުން ނަންދީފައިވާ މިމިސްކިތަކީ ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރި މިސްކިތެކެވެ. މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
މި 2 މިސްކިތް ހުޅުވިގެން ދިއުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއަދު ހުޅުވިގެން ދިޔައީ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އިއުލާން ކުރި 15 މިސްކިތުގެ ތެރެއިން 5 ވަނަ އަދި 6 މިސްކިތް ކަމަށެވެ.
ވަޒީރު ވިދާޅުވީ ކުރިއަށް އޮތް 6 މަސްތެރޭ ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށާއި ހުޅުމާލޭގައި ދާއިމީ 4 މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ.
މީގެއިތުރުން އަތޮޅުތަކުގައި ވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުޅުވިގެންދާ މިސްކިތްތަކުގެ ތެރޭގައި ހެޔޮ އެދޭ ފަރާތްތަކާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ ގުޅިގެން ގެންދާ މަޝްރޫޢުތަކާއި ސަރުކާރުގެ މަޝްރޫޢުތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)
