
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސް ނިންމަވައިފި
ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ނިންމަވައިފިއެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާބެހޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އިސްލާހު ގެންނެވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ، އަންނަ އަހަރުގެ އޭޕްރިލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚަކަށްވާތީ ކަމަށެވެ.
އެހެންކަމުން އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 8 ވަނަ މާއްދާގެ (އ)ގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅު ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލު ކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަން ވާނީ އެ މީހުން އަލަށް ބަދަލުކުރި ރަށް ކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިސްލާހު ގެންނެވި ޤަރާރާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށް ކަނޑައެޅުއްވުމަށް ވަނީ ނިންމަވާފައެވެ. މިއާއެކު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެލިސްޓު ވަނީ ހިމަނުއްވާފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން ޢާންމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެން ކަމަށް ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23