logo
logo
ހިޔާ ފްލެޓެއް 21،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާނު ކުރުމުން ގިނަބައެއްގެ ފާޑުކިޔުން

ހިޔާ ފްލެޓެއް 21،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާނު ކުރުމުން ގިނަބައެއްގެ ފާޑުކިޔުން

2025 ޑިސެމްބަރު 24
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ދައުލަތަށް ދައްކަން ޖެހޭ ކުލި ދެ ފަހަރަށް ކުޑަކޮށް، މަހު ކުލީގެ ގޮތުގައި 4،984 ރުފިޔާ އަށް ދީފައިވާ ހިޔާގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާންކުރުމުން އާއްމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓަކީ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން އެންމެ ކުޑަ ކުއްޔެއް ދައުލަތަށް ދައްކަން ޖެހޭ ސްކީމެވެ. އެތަނުގެ މަހު ކުއްޔަކީ 3،984ރ. އެވެ. މީގެ އިތުރުން ނަގާ 1000 ރުފިޔާ އަކީ މެއިންޓެނެންސްއަށް ނަގާ ރުފިޔާ އެވެ.

ދަތި ހާލުގައި އުޅޭ މީހުންނަށް ދޫކުރި ހިޔާ ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދިނަސް ފިޔަވަޅު ނޭޅޭ މައްސަލަ ބޮޑުވެފައި އޮއްވައި ދެ ކޮޓަރީގެ ފްލެޓެއް މިހާރު ވަނީ 21،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް ކުއްޔަށް ދައްކަންޖެހޭ އަދަދާ އަޅާބަލާއިރު ފަސް ގުނަ ބޮޑު އަދަދެކެވެ.

މި ޕޯސްޓު ފެނުމާ އެކު، ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ކޮންމެ މަހަކު މާލޭގައި ބޮޑު ކުއްޔަކަށް އުޅޭނެ ފެންވަރު ނެތިގެން ކުޑަ އަގެއްގައި އުޅޭނެ ގޮތެއް ސަރުކާރުން ހޯދައިދިނުމުން ވެސް އެތަން ބޮޑު އަގުގައި ކުއްޔަށް ދޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ލިއެފައިވެ އެވެ. އަދި އެފަދަ ފަރާތްތަކުގެ އަތުން ފްލެޓު އަތުލައި، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފްލެޓު ދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން ވަރަށް ފާޅުގައި މިހާ ބޮޑު އަގުގައި މި ފްލެޓްތައް ކުއްޔަށް ދޭ މައްސަލާގައި އެޗްޑީސީން އެއްވެސް ފިޔަވަޅެއް ނާޅާތީ ވަރަށް ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބޮޑު އަގުގައި ފްލެޓު ކުއްުޔަށް ދޫކުރަން ޖެހި މައްސަލައެއް އަނެއްކާވެސް ފެންމަތިވިއިރު މިހާރު ދޫކުރަން ފަށާފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ހަވާލުކޮށް ނުނިމެނީސް، އޭގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޭން އިއުލާނު ކުރި މައްސަލައެއް ވެސް ވަނީ ބޮޑުވެފަ އެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު އެޗްޑީސީން ވަނީ އެ ކުންފުނިން ދޫކުރާ ފްލެޓުތައް ވެސް ކުއްޔަށް ދޫކުރޭތޯ ބަލާނެ ކަމަށް ބުނެފައިވެެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ، ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އެހެންވެ، އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ މީހާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް