
ޤައުމީ ޔުނިވާސިޓީގައި "އެމްއެންޔޫ އިނޮވޭޓް ހަބް ޕަވާޑް ބައި ދިރާގު" ނަމުގައި ޕްރޮގްރާމެއް އިފްތިތާޙްކޮށްފި
ޒައުޖަތު އަޙުމަދުޤައުމީ ޔުނިވާސިޓީގައި "އެމްއެންޔޫ އިނޮވޭޓް ހަބް ޕަވާޑް ބައި ދިރާގު" ނަމުގައި ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމަކީ އެމްއެންޔޫގައި ކިޔަވާ ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު އިތުރުކުރަން ހިންގާ އިންކިއުބޭޓާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ އެމްއެންޔޫއާއި ދިރާގާ ދެމެދު ގާއިމްކުރި ޕާޓްނާޝިޕެއްގެ ދަށުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ.
މި ސްޓްރެޓީޖިކް ޕާޓްނަޝިޕް ރަސްމީކޮށް އިފްތިތާހު ކުރީ އެމްއެންޔޫގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މިއީ ޒުވާނުން ކުރިއަށް ނެރެ، ޒުވާނުންގެ އުފެއްދުންތެރިކަމަށް ހިތްވަރުދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެ ޔުނިވާސިޓީން ބުނެއެވެ.
އީޖާދީ ޚިޔާލުތައް އަމަލީ ގޮތުން ބޭނުންކުރެވޭ ދެމެހެއްޓިނިވި ހައްލުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމަށް މި ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގައި ޚިޔާލު އުފެއްދުން، މެންޓާޝިޕާއި ހުނަރު ތަރައްގީކުރުމާއި، ވެލިޑޭޝަން އަދި ދަރިވަރުންގެ އީޖާދީ ހިޔާލު ތަރައްގީކޮށް މާކެޓް ރެޑީ ސޮލިއުޝަން ތައްޔާރުކުރުން ހިމެނެ އެވެ.
މި ޕްރޮގްރާމަކީ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި އެއްގޮތުގެ މަތިން ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ހިންގަން ގާއިމްކުރި ޕާޓްނާޝިޕުގެ ދަށުން ދިރާގުން މި ޕްރޮގްރާމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި މެންޓާޝިޕް ދިނުމާއި، ޕިޗް އިވެންޓްތަކުގައި ޖަޖުންގެ ގޮތުގައި ބައިވެރިވުމާއި، އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުންކުރުމަށް ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓް ފޯރުކޮށްދިނުން ހިމެނެ އެވެ.
ދިރާގުން ބުނީ މި ޕާޓްނާޝިފަކީ ޒުވާނުން ބާރުވެރި ކުރުވުމަށާއި، ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށާއި، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އެ ކުންފުނިން ބުނީ އަމާޒަކީ މުސްތަޤުބަލަށް ތައްޔާރުވެފައިވާ ހުނަރުވެރިން ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމީ ތަރައްޤީއަށް އެހީތެރިވެދިނުން ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

