އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ކުރިއަށްގެންދަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ދިރާގުގެ ސަރުކާރުގެ ޝެއާ %51 ބޮޑު ކުރަން ނިންމަވާފައިވާ ކަމަަށެވެ.
"ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ ޝެއާ ވަނީ ވިއްލާފައި، ރައްޔިތުންގެ ވަރަށް ބޮޑު ހަރު މުދަލެއް. އަޅުުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑު ކުރުމަކީ ރައްޔިތުންގެ ވެއާ ލާބައަށްޓަކައި އަދި އިގްތިސާދު ފުޅާ ކުރުމަށްޓަކައި، އަދި ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،". ރައީސް ވިދާޅުވިއެވެ.
އަދި ވިއްކާލި ދިރާގުގެ ޝެއާ ހޯދައި، މެޖޯރިޓީ ކޮންޓްރޯލް %51 އަށް ބޮޑު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ތެރޭގައި އިދާރީ ކަންކަމާއި ގާނޫނީ ކަންތައްތަކާއި މާލީ ކަންކަމާއި، ދެން މިހެން ގޮސް ހުރިހާ ކަމެއް ހިމެނޭ ގޮތަށް މަސައްކަތް ކުރިއަށް ދާނެ،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އެމްޑަބްލިއުއެސްސީގެ ހިއްސާ ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާތީ، އެ ހިއްސާ ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަން ނިންމައި، އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިކަމަކީވެސް ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެމްޑަބްލިއުއެސްސީ އިތުރަށް ހަރުދަނާ ކުުރުމުގައި ކުރަން ޖެހޭ ކަމެއް،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ އެމްޑަބްލިއުއެސްސީގެ %20 ހިއްސާ ގަނެ، %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެ ކުންފުނި ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް ސްމޫތްކޮށް، ވަރަށް ކާމިޔާބުކަމާއި އެކީގައި މި ދެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ،". ރައީސް ވިދާޅުވިއެވެ.

.gif.gif&w=828&q=100)
