logo
logo
މުޒާހަރާގައި ބިދޭސީން ތިބި ދޯނިތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

މުޒާހަރާގައި ބިދޭސީން ތިބި ދޯނިތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

2025 ޑިސެމްބަރު 11
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާގައި ބިދޭސީން ތިބި ދޯނިތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

ބޮޑުކަންނެލި މަސްވެރިން އިއްޔެ ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުން އައީ މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރުން ބޭރުގައެވެ.

ފުލުހުން ވަނީ 3 ދޯނި ދޫނިދުއަށް ގެންގޮސްފައެވެ. މިކަމުގެ ސަބަބުން އިހުތިޖާޖު މިހާރު ވަނީ ހުއްޓިފައެވެ.

މި މުޒާހަރާގައި 60 ދޯނި ބައިވެރިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ. ނަމަވެސް އެ އަދަދަށް ދޯނި ބައިވެރިވެފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ބޮޑުކަންނެލި މަސަވެރިންގެ ޔޫނިއަން، ބީކޭއެމްޔޫއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވަނީ އެ ޔޫނިއަންގެ އެއް ފައުންޑާ އަދި ޖެނެރަލް ސެކެރެޓަރީ، މައުރޫފް ޒާކިރުއެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރެވެ.

ފުލުހުން ބުނީ ބޮޑުކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު ފުލުހުން އިހުތިޖާޖުގައި ބިދޭސީން ޙަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މެމްބަރު ޒާކިރު ހިމެނޭހެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުންބުންޏެވެ.

މަސްވެރިންގެ ދުވަހާއި ދިމާކޮށް، ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ މުޒާހަރާގައި ޑިމާންޑް ކޮށްފައިވާ ކަންކަމުގެތެރޭގައި މިފްކޯއިން ބޮޑުކަންނެލި ގަންނަންފެށުމާއި ކަންނެލި ގަނެވޭ އެންމެ ދަށް އަގަކީ 80 އާއި 100 ރުފިޔާއާއި ދެމެދުގެ އަގަކަށް ހެދުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެގޮތް ހެދުން ހިމެނެއެވެ.

މި މުޒާހަރާއާއި ގުޅިގެން މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުލައިދާ މައްސަލައާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަ ކަމަށާއި މިކަން ހައްލުކުރުމަށް މަސްވެރިން ހުށަހަޅުއްވަނީ ސަރުކާރުން މިކަމުގެތެރެއަށް ވަދެ ކަންނެލި މަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށްކަމަށެވެ.

ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި ޕްރޮސެސް ކުރުމަށް ހުޅުމާލެގައި ގާއިމުކުރާ ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް ޖެނުއަރީގައި ފެށުމަށް ސަރުކާރުން ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ނަމުގައި އުފައްދާފައިވާ ޖަމްޢިއްޔާއިން އިސްވެ ކުރިއަށް ގެންދާ މި މުޒާހަރާގައި ބިދޭސީން ބައިވެރިވާއިރު، ރާއްޖޭގައި އުޅޭ ބިދޭސީން އެފަދަ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަ ކުރެވެއެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް