logo
logo
މަސްމާރުކޭޓު ހުރިބިމުގައި މަސްވެރިކަމުގެ އިމާރާތެއް ހައްދަވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްމާރުކޭޓު ހުރި ބިމުގައި މަސްވެރިކަމުގެ އިމާރާތެއް ހައްދަވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

2025 ޑިސެމްބަރު 08
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މާލޭގެ މަސްމާރުކޭޓު ހުރި ބިމުގައި މަސްވެރިކަމުގެ އިމާރާތެއް ހައްދަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލު ކުރައްވަން ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު މަސްމާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކުރަން މަސައްކަތްތަކެއް ފަށްޓަވާ ބަޔަކާ ހަވާލު ކުރެއްވި ނަމަވެސް އެކަން ހިނގާފައި ނުވާ ކަމަށެވެ.

ނަމަވެސް މިހާރު މަސްމާރުކޭޓު ތަރައްޤީ ކުރުމުގެ މަސައްކަތް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެދަށުން ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީން ހިންގާ މަޝްރޫޢުއެއް ގޮތުގައި އެ މަޝްރޫޢޫ ކަނޑައެޅުމަށްޓަކައި އެބޭފުޅުންނާއެކު ވާހަކަދެކެވި މަސައްކަތްތަކެއް ފެށިފައި. ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުއްވަވާނެ އެބޭފުޅުން." ރައީސް ވިދާޅުވިއެވެ.

މި މަސައްކަތުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ މަސްމާރުކޭޓު އަޅާނީ މިހާރު ލޯކަލްމާރުކޭޓު ހުރިތަނުގައި ކަމަށެވެ. ރައީސް މައުމޫނު ދައުރުގައި އެ ބިން ހިއްކިއިރުގައި ވެސް ޕްލޭންކޮށްފައި އޮތީ އެތަނުގައި މަސްމާރުކޭޓު ތަރައްޤީ ކުރާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްމާރުކޭޓާއިއެކު ތަރުކާރީ މާރުކޭޓު ހިމެނޭ ޒަމާނީ އިމާރާތެއް ތަރައްޤީ ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުގެ މަސްމާރުކޭޓް ހުރި ތަނުގައި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކާއި ޖަމްޢިއްޔާތަކަށް އޮފީސް ހިންގުންފަދަ ކަންކަމަށް ޖާގަލިބިގެންދާނެ މަސްވެރިކަމުގެ އިމާރާތެއް އަޅާ ގޮތަށް ނިންމަވާފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ ޕްރޮޖެކްޓްގެ ޓެކްނިކަލް މަސައްކަތްތައް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް