ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއްގެ ރިޕޯޓް ލިބިއްޖެ: ސަޢީދު

ފާއިތުވި 41 ގަޑިއިރުތެރޭ، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ 29 ވިޔަފާރިއެއްގެ ރިޕޯޓް ލިބިއްޖެ ކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރުމުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިއްޔެ އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރު ތެރޭ، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭކަމަށް ވިދާޅުވެ، 29 ވިޔަފާރިއެއްގެ ރިޕޯޓު ޢާއްމު އެކި ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިއަދު މެންދުރުފަހުން ފެށިގެން، މި ކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ފަށާނެ ކަމަށެވެ.
ވަޒީރު ވަނީ، ރިޕޯޓު ކުރެއްވި ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި މިކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ސަޢީދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޤަވާޢިދާއި ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ޚާއްޞަ ލިންކެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ތަޢާރަފްކޮށް އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އާންމުންގެ ކިބައިން އެދިފައި ވަނީ މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުކަން ފާހަގަ ކުރެވެއެވެ.
އިތުރަށް


.jpg&w=3840&q=100)


.gif.gif&w=828&q=100)