logologologologo
STO
ޚަބަރު

މުދަލުގައި އަގުނުޖަހާ ހުރި 17 ފިހާރައަކަށް ނޯޓިސް ދީފި

މުދަލުގައި އަގުނުޖަހާ ހުރި 17 ފިހާރައަކަށް ނޯޓިސް ދީފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 22

މުދަލުގައި އަގުނުޖަހާ ހުރި 17 ފިހާރައަކަށް ނޯޓިސް ދީފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނީ ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގައި 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.

އެ ވުޒާރާއިން ބުނީ، މިމަހުގެ 15 އިން 20 އަށް ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖެހިތޯ ޔަޤީންކުރުމަށް 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. މީގެތެރެއިން 17 ފިހާރައެއްގައި ޤާނޫނާއި އެއްގޮތަށް މުދަލުގައި އަގު ޖަހާފައިވާކަމަށެވެ. އަދި ޤާނޫނާއި އެއްގޮތަށް އަގު ނުޖަހާ ހުރި 17 ފިހާރައަކަށް ނޯޓިސް ދީފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި މުދާ ގަންނަފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުވެސް ވުޒާރާއިން ވަނީ ހިއްސާކޮށްފައެވެ.

އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުގެ ތެރޭގައި ހިމެނެނީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުމެވެ.

މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބާޒާރާއި ފިހާރަކުގައި ތަކެތި ހުރި އަގުތައް ބެލޭނެ ގޮތައް އެ ވުޒާރާއިން ވަނީ އަގުމަގު ޕޯޓަލްގެ ނަމުގައި ޕޯޓަލްއެއްވެސް ލޯންޗްކޮށްފައެވެ. ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް 224 ފިހާރައެއް މި ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ.

އަގުމަގު ޕޯޓަލްގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީ އަގުތައް އެއްތަނަކުން ބަލާލެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ވިޔަފާރިކުރާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ފިހާރައިގައި ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖެހުމަކީ ކޮންމެހެން ލާޒިމްކަމެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް