logo
logo
ބިދޭސީންގެ މައްސަލަ ހައްލުކުރުން- އިތުރު 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް

ބިދޭސީންގެ މައްސަލަ ހައްލުކުރުން- އިތުރު 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް

2025 ނޮވެމްބަރު 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެތެރެއިން އިތުރު 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި، ހުޅުމާލޭގައި ހިންގަމުންދިއަ 3 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެ ތަންތަނުގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިއަ 7 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށިއިރު ބިދޭސީންގެ ތަފާސް ހިސާބެއް، އެއްވެސް މަޢުލޫމާތެއް ނެތް ކަމަށާއި "ކުރަނގި އޮޕަރޭޝަން" ފަށައިގެން މިއަދާއި ހަމައަށް އައި އިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި އެ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެމަނިކުފާޏު މިހެން ވިދާޅުވީ ނޮވެމްބަރު 14ގައި ޕީއެންސީން ބޭއްވި "ދިވެހީންގެރާއްޖެ" ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް އޮތް މައްސަލައެއްކަމަށާ ނަމަވެސް މިއީ އެއްވެސް ސަރުކާރަކަށް ޙައްލު ނުކުރެވުނު މައްސަލައެއްކަމަށެވެ. ނަމަވެސް މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށާއި މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް އުޅުނު މީހުނާއި އެކި ކުށްކުރި މީހުންނާއި އެކު ޖުމްލަ 9021 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އޭގެ ކުރީ އަހަރު ޑީޕޯޓް ކުރި އަދަދަށްވުރެ %143 އިތުރު އަދަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު މި މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ޙައްލުކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، އިމިގްރޭޝަން، ފުލުހުން، އެޗްޕީއޭ އަދި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާ ހިމެނޭހެން ޚާއްޞަ ޓާސްކްފޯހެއް ވެސް އުފައްދަވާފައިވާ ކަން ފާހަގަ ކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް