logo
logo
ރޭ އަލިފާނުގެ އެއް ހާދިސާ ހިނގާފައިވާއިރު، މިއަދު ދެ ހާދިސާ ހިނގައިފި

ރޭ އަލިފާނުގެ އެއް ހާދިސާ ހިނގާފައިވާއިރު، މިއަދު ދެ ހާދިސާ ހިނގައިފި

2025 ނޮވެމްބަރު 07
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރާއްޖޭގައި ރޭ އަލިފާނުގެ އެއް ހާދިސާ ހިނގާފައިވާއިރު، މިއަދު ދެ ހާދިސާ ހިނގައިފިއެވެ.

މިގޮތުން 2 ހާދިސާ ހިނގާފައިވަނީ އައްޑޫގައެވެ. އަނެއް ހާދިސާ ހިނގާފައި ވަނީ ފުވައްމުލަކުގައެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ސ.މީދޫ ވޭރާންޑު ސަރަހައްދު ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ. 

އެއިދާރާއިން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު  17:28 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  17:45 ހާއިރުއެވެ.

އަނެއް ހާދިސާގައި އަލިފާން ރޯވީ ފުވައްމުލަކު ސިޓީ ހޯދަނޑު ހަވިތަ ކައިރީ ވިނަތަކެއްގައެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 12:33 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއިއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 12:53 ހާއިރުއެވެ.  

މި 2 ހާދިސާގައި ވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެއިތުރުން، ރޭ 11 ޖަހާކަށްހާއިރު، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް ފުރަގަހުގައި އޮތް ހުސް ބިމުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް