logologologologo
STO
ޚަބަރު

ޖޭއެސްސީގެ ރައީސްކަމަށް މެމްބަރު ޙުސްނީ ޢައްޔަނު ކުރައްވައިފި

ޖޭއެސްސީގެ ރައީސްކަމަށް މެމްބަރު ޙުސްނީ ޢައްޔަނު ކުރައްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 އޮކްޓޯބަރު 29

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ޢައްޔަނު ކުރައްވައިފިއެވެ.

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޙުސްނީ މުބާރިކް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ޙުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޙުސްނީ މުބާރިކާއި ޙަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ ރައީސްގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަން ކުރުމަށް ފާސްކޮށްފައިވަނީ، އެ ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެމަތީން ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކައި މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ވޯޓުންކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީގެ ރައީސްގެ މަޤާމު ހުސްވެފައި ވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ޙުސައިން ރިޟާ އެ މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

MALDIVE GASAllied Insurance
އިތުރަށް