
ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި ލޮޓަސްގެ ވެރިޔާ އާއްޓޭ ،އެޕޯލޯގެ ވެރިޔާ ދިގަލި އާއި އިތުރު ދެމީހަކު ހައްޔަރުކޮށްފި
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ކަން އެނގިއްޖެ އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މި އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު އެމްޕީއެލް، ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލަ މި މަހުގެ 9 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައިގައި 12 މީހެއް ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. އެ ހަތަރު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިޔަކު ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައިވެއެވެ.
ފުލުހުންގެ ބަޔާނުގައި ހައްޔަރުކުރީ ކޮން ދެ ވިޔަފާރިވެރިންކަން ނުބުނި ނަމަވެސް "ދުވެލި"އަށް ކަށަވަރުވެފައިވާ ގޮތުގައި ދެ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ ދިގަލި އާއި ލޮޓަސްގެ ވެރިޔާ އާއްޓެއެވެ. ދެ ވިޔަފާރިވެރިންގެ އިތުރުން ކަސްޓަމްގެ މިހާރުގެ ވެރިއަކާއި ކުރީގެ ވެރިއެއް ވެސް ހައްޔަރުކޮށްފައިވެއެވެ.
"ދުވެލި" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދިގައްޔާއި އާއްޓޭގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
ޒިވާރު މަސައްކަތް ކުރަމުން އައީ ހުޅުމާލޭ ޕޯޓުގަ އެވެ.
އެ ހަތަރު މީހުންގެ ތެރެއިން މުއާޒަކީ ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާފައިވާ މީހެކެވެ.
އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް "ވަގަށް" ނެގުމުގެ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް އެ ތަކެތި ޕޯޓުން ނެރުނު މީހުން އަދި ހައްޔަރު ނުކުރާ ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި، 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ބޭރުކޮށްލީ އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި އޮތް ދޯންޏަކަށް އަރުވައިގެންނެވެ. އަދި ސީސީޓީވީ އަށް މަންޒަރު ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ސިނގިރޭޓް ކޮންޓެއިނާތައް ބެހެއްޓީ ތަހުގީގު ނުނިމޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެ އެވެ.
ދެ ކޮންޓެއިނަރުގައި ސިނގިރޭޓު ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަ އެވެ. އޭގެ ފަހުން ފުލުހުން އަންނަނީ އެ މައްސަލައިގެ ތަހުގީގު ހިންގަމުންނެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލް ކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ ހުއްދަ ހޯދައިގެން، ކަނޑައަޅާފައިވާ ވަކި ލޭބަލްއެއް ޖަހައިގެންނެވެ.
ވަގަށް އެތެރެކުރުމުން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލަ ތަހުގީގު ކުރިއަށްދާއިރު، އައްޑޫއަށް އެތެރެ ކުރަން އުޅުނު ވަގު ސިނގިރޭޓުތަކެއް ވެސް މި ފަހުން އަތިލައިގެންފައިވެއެވެ. އަތުލައިގަތް އެ ޝިޕްމެންޓުގައި ހުރި ސިނގިރޭޓުގެ އަދަދު ލައްކައަކަށްވުރެ ގިނައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލަ: އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި2025 އޮކްޓޯބަރު 15
ޤާނޫނާ ޚިލާފަށް ސިނގިރޭޓް ރާއްޖެ އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި!2025 މޭ 25
2007ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި2025 މޭ 13
ވަގަށް އެތެރެކުރަން އުޅުނު 13 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި!2025 އޭޕްރީލު 27