އދ. ގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން މިފަހަރުވެސް ދިވެހި ވަފްދު މަޖިލީސް ދޫކޮށް ނިކުމެއްޖެ

އދ. ގެ އާންމު މަޖިލީހުގައި މިހާރު ކުރިއަށްދާ 80 ވަނަ ސެޝަންގެ ބައްދަލުވުންތަކުގައި، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން މިފަހަރުވެސް ދިވެހި ވަފްދު މަޖިލީސް ދޫކޮށް ނިކުމެއްޖެއެވެ.
މިދިޔަ 2024 ވަނަ އަހަރު ވެސް ނަތަންޔާހޫ ސްޓޭޖަށް އެރުމުން ރާއްޖެ ހިމެނޭހެން ޤިނަ ޤައުމުތަކުން ވަނީ އެ މާލަން ދޫކޮށް ނިކުމެފައެވެ. މިއަދު މަޖިލީސް ދޫކުރައްވައި ނިކުންނެވިކަން ހާމަ ކުރައްވާ ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނާއިއެކުގައި ކަމަށެވެ.
ރާއްޖޭގެ ވަފްދުގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވަފްދުތައް ވަނީ ނަތަންޔާހޫ ސްޓޭޖަށް އެރުމުން އެ މާލަން ދޫކޮށް ނިކުމެގެން ގޮސްފައެވެ. އޭގެތެރެއިން ބައެއް ވަފްދުތަކުގެ ބޭފުޅުން ވަނީ ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލައި އަޑުއުފުލައިފައެވެ.
ގިނަ ޤައުމުތަކުގެ ވަފްދުތައް މަޖިލިސްކުރާ މާލަން ދޫކޮށް ނިކުމެފައިވާތީ އެ މާލަން ފެންނަނީ ވަރަށް ހުސްކޮށްކަން ފާހަގަ ކުރެވެއެވެ. ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި މިކަން ފާހަގަކޮށް ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންކަން ފާހަގަ ކުރެވެއެވެ.
މިއަހަރުގެ އާންމު މަޖިލީހުން ފާހަގަކުރެވެނީ ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ގިނަ ޤައުމުތަކަކުން އަޑުއުފުލަމުންދާ މަންޒަރުތަކެވެ.
މި އަހަރުގެ އދ. ގެ ބައްދަލުވުމަށް ވަޑައިގަތުމަށް ފަލަސްޠީނުގެ ރައީސް މަހުމޫދު ޢައްބާސްއަށް އެމެރިކާއިން ވިސާ ނުދިންކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މަހުމޫދު ޢައްބާސްއަށް ތަޤުރީރު ކުރެއްވޭ ގޮތަށް ޤައުމުތަކުން ހުށަހެޅި ޤަރާރެއް ފާސްވުމާއި ގުޅިގެން މަޙުމޫދު ޢައްބާސް ވަނީ ވީޑިއޯ މެދުވެރިކޮށް އާންމު މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ. ރާއްޖެއިން މި ޤަރާރަށް ވޯޓު ދިންކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)