logologologologo
STO
ޚަބަރު

އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ ޚިޔާނާތް 2 ބިލިއަނަށްވުރެ އިތުރުކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ!

އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ ޚިޔާނާތް 2 ބިލިއަނަށްވުރެ  އިތުރުކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ސެޕްޓެމްބަރު 26

އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ ޚިޔާނާތް 2 ބިލިއަނަށްވުރެ އިތުރުކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ފެނަކައިގެ 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ކުރީގެ ރައީސް، އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކައިން ހިންގިކަން ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެމްޑީޕީގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކާއި އެކު 674 އެއްބަސްވުން ހަދާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބިޑަކާއި ނުލާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ. ހަމައެކަނި ކަރަންޓް ކޭބަލް ގަތުމަށް ވެސް 790 މިލިއަން ރުފިޔާގެ ޚިޔާނާތް ވެފައިވާއިރު، ޖެނެރޭޓަރު ސެޓް ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ޚިޔާނާތް ވެފައިވާ ކަމަށް ވެސް އޮޑިޓުން އެނގެއެވެ.

މި ރިޕޯޓުގައި ފާހަގަ ކުރި އިތުރު ކަންކަމުގެ ތެރޭގައި ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން، ފެނާއި ނަރުދަމާ މަޝްރޫއު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން ހިމެނެއެވެ.

ހަމައެކަނި ފެނަކައިގެ މި ވައްކަން، 1990 ގައި ފަޅާއެކު އެފްޕީއައިޑީގެ ޚިޔާނާތާއި 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެ މާ ބޮޑުކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އިން-ހައުސްކޮށް ފެނަކައިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ބޭނުމަށް މުދަލާއި ތަކެތި އެއް ރަށުން އަނެއް ރަށަށް ފޮނުމުގެ މަސައްކަތް ކުރުމަށް މުދާ އުފުލާ ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފުމަށާއި އެ މަސައްކަތްތައް ހަވާލު ކުރުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން ޖުމްލަ 191،602،363 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 344 އެއްބަސްވުމުގެ ދަށުން މުދާ އުފުލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާކެޓް އަގުތަކަށްވުރެ ބޮޑު އަގުގައި ކަމަށާއި އެއީ ގާތްގަނޑަކަށް 47،546،407 ރުފިޔާ ކަމަށް ދައްކައެވެ.

މީގެއިތުރުން އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމަށާއި އެފަދަ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް އިން-ހައުސް ޕްރޮޖެކްޓްތަކުގެ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގައި މަސައްކަޔތް ކުރި ވަގުތީ މުވައްޒަފުންނަށް ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ފެނަކަ ކޯޕަރޭޝަނުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު، ބައެއް ރަށްރަށުގައި ހިންގަމުން ގެންދިޔަ ޕްރޮޖެކްޓްތަކުގެ މަސައްކަތާ ޙާޟިރުވި މުވައްޒަފުންގެ އަދަދަށްވުރެ އިތުރަށް ކެއުމުގެ ހަރަދަށް ޗާޖްކޮށްފައިވާ ކަމަށާއި އެގޮތުން ކޭޓަރިންގެ ޚަރަދަށް ހޭދަވާ ވަރަށްވުރެ އިތުރަށް 14،234،950 ރުފިޔާ ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މުއްދަތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވީ އަޙުމަދު ސަޢީދުއެވެ. އޭނާގެ ޢާއިލީ ކުންފުނިތަކާއެކު، އެމްޑީޕީ ސަރުކާރުން 92 އެއްބަސްވުމެއް ހަދާ 31 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓުން ހާމަވެފައިވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް