
އަތުންހިފޭ ތަރައްޤީ ހޯދާ ވަރަށް އަތުން ނުހިފޭ ތަރައްޤީ ހޯދަން ވެސް ސަމާލުކަން ދޭންޖެހޭ: ރައީސް
ޒައުޖަތު އަޙުމަދުއަތުންހިފޭ ތަރައްޤީ ހޯދާ ވަރަށް އަތުން ނުހިފޭ ތަރައްޤީ ހޯދަން ވެސް އެވަރުގެ ސަމާލުކަން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ ވޭމަންޑޫގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ އިއްޔެ ފާހަގަކުރި ރާއްޖެ އިސްލާމްވީ ދުވަހަށް އިޝާރާތްކުރައްވައެވެ.
އެމަނިކުފާނު ވިދާޅުވީ އަތުން ހިފޭ ތަރައްޤީ ހޯދާއިރު، އަތުން ނުހިފޭ ތަރައްޤީއަށްވެސް އެވަރުގެ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ، އެއީ އަޅުގަނޑުމެންގެ އުޅުމާއި، ގުޅުމާއި، އަޚްލާޤުގެ ތަރައްޤީކަމަށެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމާއި، އެކަންކަން ހާސިލުކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖެ އިސްލާމްވިތާ 899 އަހަރުވެގެން މިދިޔަ ދުވަސްތަކުގައި އެކުވެރި، އެއްބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅެވިފައި އޮތީ އިސްލާމްދީނުގެ ސަބަބުންކަން ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން ކާބަފައިންނާ އަބުޠާލުންގެ ޖިހާދުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޢަޒުމަކަށް ހަދަންޖެހޭކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަން ވާންއޮތީ އަޅުގަނޑުމެންގެ ސިކުނޑިތައް ހެޔޮގޮތުގައި ތަރައްޤީކޮށްގެންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީގެ ލިސްޓުގައި ހުރި ކިތަންމެކަމެއްވެސް ކުރެވިދާނެކަމަށާ، ނަމަވެސް އަޅުގަނޑުމެންގެ އަމިއްލަ ވިސްނުން ހެޔޮގޮތުގައި ބައްޓަންނުކުރާކަމުގައިވާނަމަ އެކަމުގެ ބޭނުމެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޅުގަނޑުމެންގެ ހިތާ ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭ ކަމަށާ، މި ޤައުމަށް ލިބިފައިވާ އެންމެ ބޮޑު ފަޚްރަކީ އިސްލާމްދީންކަމުގައި ޤަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް ޢަޒުމުކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.
ހަމަމިއާއެކު، އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުގައި ފާހަގަކުރެއްވިއެވެ. މިރޮނގުން، ރައްޔިތުންގެ އެއްބާރުލުމާއެކު ފަޚްރުވެރި ގިނަ މަސައްކަތްތަކެއް، މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވިފައިވާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާކަމަށާ، އެގޮތުން އިސްލާމީ ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި، ޤުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް މިމޭރުމުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ދިވެހި ޤައުމު، އިސްލާމްދީން މަތީ ތާއަބަދުމެލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ. ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނައަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އަންނަ އަހަރު ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭއިރު، އެ މުނާސަބާ ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ވޭމަންޑޫގެ ބިން ހިއްކާ ނިންމާލީ އެންމެ 23 ދުވަހުން!2026 އޭޕްރީލު 07
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޯމަދުވަހު ފުރާވަޑައިގަންނަވާނެ!2026 އޭޕްރީލު 05
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙުމަދު މުޙައްމަދު ޢައްޔަނު ކުރައްވައިފި2026 އޭޕްރީލު 05
އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝިޔާމް2026 އޭޕްރީލު 05