މީޑިއާ ބިލު ތަޞްދީޤުކުރެއްވުމާއިއެކު މިއަދުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2025 ސެޕްޓެންބަރު 16 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (6) އިން ފާސްކުރައްވާފައިވާ ބިލެކެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް މިއަދުން ފެށިގެންވަނީ ޢަމަލުކުރަން ފަށައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރިގޮތުގައި މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" އުވުނީއެވެ. އަދި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" މި ޤާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އަށް ބަދަލުވީއެވެ.
މި ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއިގުޅިގެން ބައެއް ނޫސްވެރިން ވަނީ މި ބިލު ޤާނޫނާ ޚިލާފު ކަމަށްބުނެ ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފައެވެ. ނަމަވެސް ރާއްޖެ ފަދަ އިސްލާމީ ޤައުމަކަށް މި ބިލަކީ ވަރަށް ބޭނުންތެރި މުހިއްމު ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު ޚިޔާލުފާޅުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މި ބިލުގައި ޤާނޫނުތަކާ ފުށުއަރާ އެއްވެސް ކަމެއް ނެތްކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަަތު ފިލްޒާ ލަފާ ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
