
އެމްބާޕޭގެ ފަރާތުން މޮޅު ކުޅުމެއް، ރެއާލްއަށް އިތުރު މޮޅެއް
މެޑްރިޑް (އޮގަސްޓް 25) - ސްޕެނިޝް ލީގުގައި ކީލިއަން އެމްބާޕޭ ޖެހި ދެ ގޯލާ އެކު، ރެއާލް މެޑްރިޑުން 3-0 އިން ރެއާލް އޮވިއޭޑޯ އަތުން މޮޅުވެއްޖެ އެވެ.
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައި އޮސަސޫނާ ބަލިކުރީ އެމްބާޕޭ ޖެހި ޕެނަލްޓީންނެެވެ.
ރެއާލްގެ ފަރާތުން ވަނީ ޖުމްލަކޮށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ރޭގެ މެޗު ރެއާލުން ފެށީ ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއަރ ބެންޗުކޮށްގެންނެވެ. އޭނާގެ ބަދަލުގައި އެފަޅިއަަށް ކުޅުނީ ބްރެޒިލްގެ ރޮޑްރީގޯއެވެ. ރެއާލް ދޫކޮށް ރޮޑްރީގޯ އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއްވެސް ނިމިދިޔަ ހަފްތާގައި ވަނީ ގަދަވެފައެވެ.
ރެއާލްގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ އެވެ. ރަނގަޅު ފޯމެއްގައި ސީޒަން ފެށި، އެމްބާޕޭ މި ލަނޑު ޖެހީ އެ ޓީމުގެ އާޑާ ގުލާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ. ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ވެސް އެމްބާޕޭ އެެވެ. މިއީ ބަދަލަކަށް ކުޅެން އެރި ރެއާލުގެ ވިނީޝީއުސް ޖޫނިއާ ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ.
އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ރެއާލްގެ ފަހު ލަނޑު ޖެހީ ވިނީޝިއުސް އެވެ. މިއީ، ކައުންޓަ އެޓޭކެއްގައި، ބްރަހިމް ޑިއާޒް ދިން ބޯޅައަކުން ހަމަޖެހިލައިފައި ވިނީޝިއުސް ޖެހި ލަނޑެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


