ބ. ކަމަދުއަށް ސީޕްލޭންގެ ޚިދުމަތް ދޭން ފަށަނީ!

ބ. ކަމަދުއަށް ސީޕްލޭން އޮޕަރޭޓުކުރުމާއި ގުޅޭ އެއްބަސްވވުމުގައި މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާއި ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޢިއްޒު މިއަދު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކަމަދުއަށް ވަޑައިގެން ކަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ކަމަދުއަށް ސީޕްލޭންގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމުން އެރަށުގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާ ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް ތަރައްޤީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށަކަށް ވާއިރު، ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއާ ހޯކްސް ހޮޓެލްސް ކުންފުނީގެ ޑިރެކްޓަރ ޙުސެއިން އަމަންއެވެ.
ގިނަ ގެސްޓްހައުސްތަކެއް ހިންގާ ކަމަދޫއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރީތި ރަށެއްކަން ފާހަގަކުރެވެއެވެ.

.gif.gif&w=828&q=100)


