ސިފައިން ކުރިއަށް ގެންދާ މިނިވަން ދުވަހުގެ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި ބާއްވަނީ!

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބާއްވާ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 26ވަނަ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާ އެކުގައި ކަމަށެވެ.
ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 27ވަނަ ދުވަހުގެ ހަވީރު 16:15ގައެވެ.
އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުމުގައި، މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނޭނެއެވެ. މި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ.
މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ވެލާނާގޭ ކަންމަތިން ފަށައިގެން ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.
މިނިވަން ދުވަހުގެ ހިނގާލުމުގައި މި އަހަރު ސިފައިންނާ އެކު، ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)