
ވެލާނާ އެއަރޕޯޓާ ގުޅުވާ 60 ބިލިޔަން ޑޮލަރުގެ ގެއްލުންދިން : ފައްޔާޒު
ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހަދަން "މާ މޮޅު އިކޮނޮމިސްޓެއް" ކަމަށް ދައްކަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ލޯނު ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވުމުން އެކަމަށް ރައްދުދެއްވަމުން ފައްޔާޒު ވިދާޅުވީ ވީއައިއޭ ތަރައްގީކުރުމަށާއި، ހިންގުމަށް ދައުލަތުން ޚަރަދެއް ކުރަންނުޖެހޭ ގޮތަށް ބަޔަކާ ހަވާލުކޮށްފައި އޮއްވައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކުރުމަށްފަހު ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.
ވެލާނާ އެއާޕޯޓު ހިންގުން ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބު ވެސް މެ އެވެ. އެ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނޮވެމްބަރު 15، 2016 ގައި ޔާމީންގެ ސަރުކާރުން ޖީއެމްއާރަށް ދައްކައި ހަލާސްކުރި އެވެ.
މީގެ އިތުުރުން މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ 'ދޯހަޅި' ނިންމުން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރީ ކަންތައްތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތު ވެސް ބަންދުވެއްޖެ ކަމަށެވެ. ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު، އާ ޓާމިނަލް ހަދަން ދަރަނި ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ހުންނާނީ ހަތަރު މިލިއަންގައި ކަމަށާއި ރާއްޖޭގެ ޖީޑީޕީ ނުވަތަ އާބާދީގެ ނިސްބަތުން ކޮންމެ މީހެއްގެ ބޮލަކަށް ޖެހޭ އާމްދަނީ ދެގުނަ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ތިމަން މަނިކުފާނަކީ މާ މޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ. މިއީ 'ފްރަންޓޮނޮމިކްސް'ގެ އިގްތިސާދީ ވިސްނުން."
ފައްޔާޒު އެފަދައިން ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ނިންމުމުގައި މި ސަރުކާރުގެ ދައުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި، ޓާމިނަލް ނިންމުމުގެ ކްރެޑިޓާ ބެހޭގޮތުން ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގައި ވެސްމެއެވެ.
އާ ޓާމިނަލްގެ ކްރެޑިޓް މި ސަރުކާރުން ނަގަނީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ކުރެއްވި ކުރީގެ ހުރިހާ ވެރިންނަށް ޓާމިނަލްގެ ކްރެޑިޓް ލިބޭނެކަމަށެވެ. އަދި އާ ޓާމިނަލް މަސައްކަތުގެ ކްރެޑިޓް ނަންގަވަން އުޅުއްވުމަކީ "ކުޑަކުދިން އުޅޭ ގޮތެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ މި އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ ގޮތެއްގައި، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ފައްޔާޒްގެ މަސައްކަތްތަކަށް ނަޝީދުގެ ތައުރީފް!2025 ނޮވެމްބަރު 24
ހިންގާލަން ނިކުތް ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާދީފި2025 ނޮވެމްބަރު 23
ރައީސް އިބޫގެ ސަރުކާރުން ޔޫމެޓަށް ބަދަލުގެ ގޮތުގައި ދޭން ނުޖެހޭ 23.2 މިލިއަން ރުފިޔާ ދިން: އޮޑިޓް އޮފީސް2025 ޖޫން 25
އިތުރު ފެކްޝަންތައް އުފެދި އެމްޑީޕީ ބައިބައިވަނީ، ފައްޔާޒުއާ މެދު އޮތް ހިތްހަމަނުޖެހުން ބޮޑު 2025 ޖޫން 03