ސަރުކާރުން އަޅާ 4 އައިސްޕްލާންޓެއް ނިންމާ މި އަހަރު ބޭނުންކުރަން ފަށަނީ

ސަރުކާރުން އަޅާ 4 އައިސްޕްލާންޓެއް މިއަހަރުގެ ތެރޭގައި އޮޕަރޭޝަންއަށް ގެންނާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ދ. މީދޫގައި އަޅާ އައިސްޕްލާންޓްގެ ސިވިލް ވޯކްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އައިސްޕްލާންޓް އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. އަންނަ މަހުގެ ތެރޭގައި މި އައިސްޕްލާންޓް ބޭނުންކުރަން ފެށޭނެކަމަށެވެ.
ށ. ފުނަދޫގައި އަޅާ އައިސްޕްލާންޓް ސިވިލް ވޯކްގެ މަސައްކަތް މިހާރު ނިމިފައިވާއިރު ތައްޔާރުވަމުންދަނީ އައިސްޕްލާންޓް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. މި އައިސްޕްލާންޓް ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދ. ބަނޑިދޫގައި އަޅާ އައިސްޕްލާންޓްގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ސިވިލް ވޯކްގެ މަސައްކަތެވެ. މި އައިސްޕްލާންޓް އޮކްޓޯބަރ މަހުގެ ތެރޭގައި ނިމި ބޭނުންކުރަން ފެށޭނެއެވެ.
މ. ވޭވަށުގައި އަޅަން ހަމަޖެހިފައިވާ އައިސްޕްލާންޓް އެއްބަސްވުމުގައި މި މަހުގެ ތެރޭގައި ސޮއިކުރެވިގެންދާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި އައިސްޕްލާންޓްވެސް މިއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ނިމޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި އައިސްޕްލާންޓްތަކަކީ 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނަ އައިސްޕްލާންޓްތަކެކެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރު އަދި އިތުރު 2 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް ޕްލޭން ކުރެވިފައިވާކަމަށެވެ. އެއީ ޅ. ނައިފަރާއި މ. މުލަކެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މި އައިސްޕްލާންޓްތަކަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.
އިތުރަށް





.gif.gif&w=828&q=100)
