logo
logo
އެމްޑީޕީ ސަރުކާރުގައި ޓާމިނަލް ލޯނުން 28 މިލިއަން ޑޮލަރު ގެއްލުނު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ!

އެމްޑީޕީ ސަރުކާރުގައި ޓާމިނަލް ލޯނުން 28 މިލިއަން ޑޮލަރު ގެއްލުނު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ!

2025 ޖުލައި 15
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޓާމިނަލް ލޯނުން 28 މިލިއަން ޑޮލަރު ގެއްލުނު ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާޏު އުފެއްދެވި ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތްތަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެނައި ބަދަލުތަކުގެ ތެރެއިން އަލަށް ކުރި 28 މިލިއަނެއްހައި ޑޮލަރުގެ މަސައްކަތް ކުރުމަށް އެ މަސައްކަތުގެ އަގަށް 300 މިލިއަނެއްހައި ޑޮލަރު އިތުރުކުރިކަމަށެވެ.

2017 ވަނަ އަހަރު، ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ބޮޑުކޮށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ސައުދީ ފަންޑާއެކު ގާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުން އައު ޓާމިނަލް އެޅުމަށް ފައިސާ ހަމަޖެހި އެ މަސައްކަތް ސައުދީ އަރަބިއްޔާގެ ބޮޑު ކުންފުންޏެއްކަމަަށްވާ ބިން ލާދިން ގްރޫޕާ ހަވާލުކުރިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެ އިމާރާތުގެ ބިންގާ އަޅައި ތަނބުޖެހުމުގެ މަސައްކަތާ ހަމައަށް ގޮސްފައިވަނިކޮށް ވެރިކަން ބަދަލުވެ، ރައީސް ސޯލިހުގެ ވެރިކަމުގައި އެ މަސައްކަަތް މަޑުޖެހުމަށްފަހު ޓާމިނަލުގެ ބޭރުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެވުނެވެ. ޓާމިނަލުގެ ޑިޒައިނުގެ އެހެން ކޮމްޕޯނެންޓަކަަށް ބޮޑު ބަދަލެއް ނުގެނެއެވެ.

އެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފަރުމާކުރި ޓާމިނަލަކީ ހަތަރެސްކަން ފޮށިގަނޑެއް ކަމުގައި ބުނެ، އެމްޑީޕީ ސަރުކާރުން ޑިޒައިނަށް ބަދަލުތަކެއް ގެނައި ނަމަވެސް މިހާރުވެސް ޓާމިނަލް އޮތީ ފޮށިގަނޑެއްހެން ކަމަށެވެ. އަދި އެ މަސައްކަތަށް ހޭދަވީ 28 މިލިއަން ޑޮލަރު ކަމަށާ އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކައިރިވެފައި އޮތުމުން މަޝްރޫއުގެ ވޭރިއޭޝަނެއް ކަމަށް ބުނެ މަޝްރޫއުގެ އަގަށް 300 މިލިއަން ޑޮލަރު އިތުރުކުރި ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ އެމްޑީޕީން އެކަމުގައި އަމަލުކުރި ގޮތަކީ ޚިޔާނާތެއް ކަމަށާ އެކަމުގެ ސަބަބުން ޓާމިނަލް ލޯނަށް އިތުރު 300 މިލިއަން ޑޮލަރު ރައްޔިތުން ދައްކަންޖެހިފައިވާ ކަމަށެވެ.

އެއާޕޯޓް ބޮޑުކޮށް ތަރައްޤީ ކުރުމަށް ފެށި 2 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ޔާމީނުގެ ވެރިކަމުގައި ފަށައި ނިންމައި، އަދި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް އެމްޑީޕީގެ ވެރިކަމުގެ ކުރީ ކޮޅު ނިމޭ މިންވަރަަށް ކުރިއަށް ގޮސްފައި ހުރި ނަމަވެސް، ބާކީ ހުރި މަސައްކަތްތައް ރައީސް ޞާލިޙްގެ ދައުރުގައި ވަރަށް ބޮޑަށް މަޑުޖެހުނުކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ރައީސް ޔާމީން ފެއްޓެވި އެއާޕޯޓް މަޝްރޫޢުގެ މަޑުޖެހި ނުނިމި ހުރި މަސައްކަތްތަކުގެ ބޮޑު ބައެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ބާރު ސްޕީޑްގައި ގެންދަވަނީ ނިންމަވަމުންނެވެ. އެގޮތުން އައު ޓާމިނަލުގެ މަސައްކަތް ނިންމާ މިހާރު ކުރިއަށް ދަނީ މިއަހަރުގެ މިނިވަން ދުވަހު، ޖުލައި 26 ގައި ހުޅުވުމުގެ މަސައްކަތް ކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް