logo
logo
އަސްލުވެސް ރައީސް ވަރަށް ގަދަ، އެއް ބިލިއަން ރުފިޔާ  މަސްވެރިންނަށް އެދިނީ އެންމެ ފައިސާ ފޮއްޗެއްވެސް ޗާޕު ނުކޮށް!

އަސްލުވެސް ރައީސް ވަރަށް ގަދަ، އެއް ބިލިއަން ރުފިޔާ މަސްވެރިންނަށް އެދިނީ އެންމެ ފައިސާ ފޮއްޗެއްވެސް ޗާޕު ނުކޮށް!

2024 ޖުލައި 28
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ރާއްޖޭގެ އިގްތިސާދު ވަރަށް ވެސް ނާޒުކު ފައްތަރެއްގައި އޮއްވައެވެ. ރައީސް ހަވާލުވެވަޑައިގަތީ މުސާރަ ދިނުމަށާއި ސަރުކާރުން ދޫކުރުންޖެހޭ ފައިސާ ދޫކުރުމަށް ފައިސާ ޗާޕުކުރަމުން އައި އިގްތިސާދަކާއެވެ. ރައީސް ހަވާލުވެވަޑައިގަތީ ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަމުން އައި އިގްތިސާދަކާއެވެ. މަސްވެރިންނަށް ސަރުކާރުން ފައިސާ ދޭން ޖެހޭ ބެކްލޮގެއް އޮތް އިގްތިސާދަތަކާއެވެ.


އެހެންނަމަވެސް 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުންފެށިގެން މިހުރިހާ ކަމަށް ނިމުމެއް އައެވެ. އާނއެކެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީއެވެ. ހުއްޓިފައިވާ އިގްތިސާދެއްގެ ހުންގާނާ އެމަނިކުފާނު ހަވާލުވެވަޑައިގަތެވެ. އެދުވަހުގެ ފަހުން ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕުކުރާތަނެއް ހަމަ ގައިމުވެސް ނުފެނެއެވެ. ދަރަނި ދެއްކުމަސްޓަކައި އިތުރަށް ދަރަނި ނަގާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދައުލަތުގެ ދަރަންޏާ ބެހޭ ބިލު މަޖިލީހަށް ވެއްދިއެވެ.


މި ބިލު ޤާނޫނަކަށްވުމުން މާލީ ވުޒާރާގެ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހުރިހާ ޒިންމާއެއް ޑެޓް މެނޭޖްމަންޓް އޮފީހުގެ ދަށަށް ބަދަލުވާނެއެވެ. މި ބިލުގައި ދައުލަތުގެ ދަރަނި ނެގުމާބެހޭ އުސޫލުތަކާއި މެނޭޖުކުރުމުގެ އުސޫލުތަކާއި ދަރަންޏާއި ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާ ދަރަންޏަށް ސޮވްރިން ގެރެންޓީ ދިނުމާބެހޭ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.


މި ބިލުގެ ވާހަކަ އެހެން ދުވަހަކުން ދައްކާލަން ބާއްވަމާ ހިނގާށެވެ. އަޅުގަނޑު މިއަދު ދައްކާލަން މިއުޅެނީ މުޅި ރާއްޖޭގައި އެންމެ ގަދަޔަށް ދެއްކި ވާހަކައެވެ. މަސްވެރިންގެ ވާހަކައެވެ. އެމީހުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ ވާހަކައެވެ. އެ ފައިސާ ދައްކާ ހަލާސްކުރި ވާހަކައެވެ. "މަސްވެރިން ބިކަކޮށްފިއޭ މަސްވެރިން ހާލުގައި ޖައްސާފިޔޭ" މިއީ އިދިކޮޅު ފަރާތްތަކުން ވަރަށް ގަދަޔަށް ގޮވަމުންދިޔަ ވާހަކައެކެވެ. އެހެންނަމަވެސް ރައީސް މުޢިއްޒު މިވަނީ އެ ހުރިހާ ފަރާތްތަކެއްގެ އަނގަ ބަންދުކޮށްލާފައެވެ. އެއީވެސް ގިނަ ބަޔަކު ހީނުކުރާ ފަދަ ގޮތަކަށެވެ.


ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ހިސާބުތައް ދައްކާ ގޮތުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު 280 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައެވެ. މިއީ ރައީސް ސޯލިހުގެ ސަރުކާރުން މި ސަރުކާރަށް ވާރުތަވި އަދަދެވެ. މި ފައިސާއަކީ އޮކްޓޫބަރު 16 އިން ފެށިގެން ނޮވެބަރު 11 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ބޭނި ބަހަަށް ނުދީ ހުރި ފައިސާ އެވެ. މި ފައިސާއަކީ މަހުގެ އަގު 17ރ . އިން 25ރ. އަށް ބަދަލު ކުރުމަށްފަހު ދައުލަތުގެ މާލިއްޔާއަށް ބާރު ބޮޑުވުމުން ރައީސް ސޯލިހުގެ ސަރުކާރުން ނުދީހުރި ފައިސާ އެވެ.
މި ޗެލެންޖާ ރައީސް މުޢިއްޒު ކުރިމަތިލެއްވީ ވަރަށް ސާބިތުކަމާއެކުއެވެ. ވެރިކަން ފެށުނު ކޮޅުގައި ސިޔާސީ ފަރާތްތަކުގެ ފާޑު ކިޔުންވެސް އަމާޒުވިއެވެ. ފައިސާ ލިބުން ލަސްވެގެން 2 ފަހަރަކު މަސްވެރިން އިހުތިޖާޖުވެސް ކުރިއެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވޭނެ ކަމަށް ބުނެ އެތަށް އިދިކޮޅު ސިޔާސީ ލީޑަރުން ގޮންވެސް ޖެއްސެވެ.


އެހެންނަމަވެސް ކަންތައް ވީ އެހެންނެއް ނޫނެވެ. ދައުލަތުގެ މާލިއްޔާއަށް ބޮޑު ބުރަޔަކަށް ވާގޮތަށް ރައީސް ސޯލިހުގެ ސަރުކާރުން ކަނޑައަޅާފައިވާ މަހުގެ އަގު މާކެޓް ރޭޓަށް ބަދަލުކުރިއެވެ. މަސްވެރިންގެ ފަރާތަކުންވެސް މިކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ކުރިމައްޗެއް ނުވެއެވެ. މިފްކޯއަށް ވެސް ހިންދެމިލެވޭނެ ފުރުސަތެއް ލިބިގެންދިޔައީ ވެސް މި ނިންމުމާ ގުޅިގެންނެވެ. މިކަމާވެސް ސިޔާސީ ލީޑަރުންތައް ފާޑުކިޔެވެ. މައްސަލައެއްނެއްތާއެވެ. މާކެޓް ރޭޓުގައި މަސްކިރަން މަސްވެރިންވެސް ހުރީ ނުހަނު "ހެޕީކޮށް" ކަން އަޅުގަނޑުމެން "ދުވެލި" ޓީމުން މަސްވެރިންނާ ވާހަކަދައްކާލުމުން އެނގިގެން ދިޔައެވެ. މަސްކިިރާފަ މަހަށް ހަމަ އަގު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާކަމުގައި ވަނީނަމަ ވަސްވެރިންގެ އެއްވެސް ޝަކުވާއެވެ. 25 ރުފިޔާއަށް މަސްކިލޯއެއް ކިރަންޖެހޭ ކަމަށް ހުދު މަސްވެރިންވެސް ގަބޫލެއް ނުކުރެއެވެ.


ދެން އޮތީ ބޮޑު ވާހަކައެވެ. މި ސަރުކާރަށް ވާރުތަވި ބޮޑު ބެކްލޮގާއެކުވެސް މާކެޓް ރޭޓާށް މަހުގެ އަގުގެންގޮސް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރި ވާހަކައެވެ. ތިޔަ އަޑު އިވެނީ ރަނގަޅަށެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގެއް މިއަދަކުނެތެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކަށް މިކަން ހަޖަމް ނުވުމަކީވެސް ފަހަރުގައި ވެދާނެ ކަމެކެވެ. މައްސަލައެއްނެތެ. ރައީސް މުޢިއްޒު ނަތީޖާ ނެރެދެއްވާފިއެވެ. އެކަންވެސް އެކުރެއްވީ އެންމެ ފައިސާ ފޮއްޗެއްވެސް ޗާޕު ނުކޮށެވެ. ނޫނީ އެކަން ކުރަން އިތުރު ދަރަންޏެއް ވެސް ނުނަގައެވެ. ތަފާތަކީ މިއީއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރަށް މިވީ 8 މަސްދުވަސް ތެރޭގައި ރާއްޖެގެ އިގްތިސާދު ހަރުދަނާކޮށް މި އިގްތިސާދީ އަނދަވަޅުގަނޑުން އަރައިގަތުމަށް އެތައް މަސައްކަތްތަކެއް ކުރަމުން އެބަގެންދެއެވެ. ރައްޔިތުންނާ ގުޅުންހުރި ކަންކަންކަން ހައްލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާތަން އެބަ ފެނެއެވެ. އެގޮތުން ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމުގެ މަސައްކަތް ކުރުމާއި ގެދޮރުވެރިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ފަސް ޕަސެންޓަށް ވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާނެ ގޮތަށް ދޫކުރާ ލޯނުތައް އަންނަ އޮކްޓޫބަރު މަހު ދޫކުރަން ފަށާނެ ކަމުގެ ޔަގީންކަން ދެއްވުން ފަދަ މުހިންމު ކަންކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން މިހާތަނަށް ޚަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީއިން ކަމުގައި ރައީސް ވެސް ވަނީ މިނިވަންދުވަހިގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ. މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ފައިސާއިން ދައުލަތް ހިންގުމަށް ޚަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށްވެސް ހޭދަކޮށްފައިވާނެކަމަށެވެ. އަދި މިހާތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާނޭ ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް