logo
logo
 އިތުރު 93000 ވަޒީފާގެ ފުރުސަތު ފަހިވާގޮތަށް ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސްފި!

އިތުރު 93000 ވަޒީފާގެ ފުރުސަތު ފަހިވާގޮތަށް ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސްފި!

2025 މޭ 26
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިސްކޮށް، އެ ޕްލޭނަށް ބަދަލު ގެނެވިފައިވަނީ އިތުރު 93،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ގޮތަށްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރ، އަޙުމަދު ޒިނަފް ވަނީ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލުތައް ތަފްސީލުކޮށް ވިދާޅުވެދެއްވައިފައެވެ.

އޭނާ ވިދާޅުވީ، ކުރިން އެކުލަވައިލި ހުޅުމާލޭގެ މާސްޓަރ ޕްލޭނުގައި 13،3000 ވަޒީފާގެ ފުރުސަތު އޮތްއިރު، ފަހުން ގެނެވުނު ބަދަލާއެކު 93000 ވަޒީފާ އިތުރުކޮށް، 22،4000 ވަޒީފާ އިތުރުކޮށްފައިވާނެ ކަމަށެވެ.

ޒިނަފް ވިދާޅުވީ، ވަޒީފާގެ ބާޒާރަށް އިތުރު 93000 ވަޒީފާ އިތުރު ކުރެވިގެން ދިޔުމަކީ މާސްޓަރ ޕްލޭނަށް ގެނެވުނު ވަރަށް ހެޔޮ ބަދަލެއް ކަމުގައެވެ.

ހުޅުމާލެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ހުޅުމާލޭ ފޭސް 2 ގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް ވެސް ރައީސް އިފުތިތާޙްކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމަށެވެ.

ރައީސް ވިދާޅުވީ ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަމަށާ މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްޤީގެ ކަންކަން ކުރިއަށްގެންދަންވާނީ، މިކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށާ، ރިވައިސްޑް މާސްޓަރޕްލޭނާއެކު އެ ފުރުޞަތު ފަހިވާކަމަށެވެ. އަދި މި ޕްލޭން ޙަޤީޤަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް ވިދާޅުވީ، ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިވަނީ ރައީސްގެ އިރުޝާދާއިއެކު ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުވާނެގޮތައްކަމަށެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައި މިވަނީ ހުޅުމާލޭގެ ފުރަތަމަ މާސްޓަރ ޕްލޭން އަށް 24 އަހަރު ފަހުންނެވެ. ހުޅުމާލެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު މިހާރު ރައީސްގެ ނިންމެވުމެއްގެ ދަށުން ހުޅުމާލޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް މަޢުރޫފް ވިދާޅުވިއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭން، އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އަލުން ރިވައިޒްކުރުމަށްފަހު އެކުލަވާލާފައި މިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށެވެ. އެގޮތުން ހުޅުމާލޭގެ ބިމުގެ ޖާގަ އިތުރުވުމާގުޅިގެން އެ ބިންތައް ބޭނުންކުރާނެގޮތްތަކާމެދު ގިނަ މަޝްވަރާތަކެއް އެޗްޑީސީން ކޮށްފައިވެއެވެ.

ހުޅުމާލެއަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ހުޅުލޭ ފަޅުން ބިން ހިއްކައިގެން އާބާދުކުރަން ފެށި ރަށެއްކަން ފާހަގަ ކުރެވެއެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް